އޭޝިއާބައްރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ހޮވިއްޖެ އެވެ.

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދި އިޔާ" ގެ އެވޯޑް މުޣުނީއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންފައި ވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގަ ފާހަގަކުރެވޭތީ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީއަށް މިއެވޯޑް ލިބިފައި ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ހަވާލުވި ފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. އަދި ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، އިޔާދަކުރަނިވި ހަކަތައާއި ދިމާލަށް ކުންފުނި ދީލާލުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންވެސް މި އެވޯޑް ލިބުނުގެ ސަބަބު ތެރޭގައި ހިމެނެ އެވެ.

ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލް ވިއްކުމާއި، މުޣުނީގެ އިރުޝާދުގެ ދަށުން ރާއްޖެއަށް ތައާރަފްކޮށްފައިވާ މުޅިން އައު އީޖާދުތަކުގެ ތެރޭގައި ހިމެނޭ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕްއާއި، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިން ސޯލާ ޕޮޑް ހިމެނެ އެވެ.

މީގެ އިތުރުން ތިމާވެށި ފެހި ކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާދެއްވާފައިވާ، ރަށްފެހި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ކުރިޔަށް ގެންދާ ހަމަ އެކަނި ކުންފުންޏަށް ސްޓެލްކޯ ވުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި، ރާއްޖެ ލޮކްޑައުންއަކާ ދިމާލަށް ހިނގައިދާނެކަމަށް ބަލައި، ދުރާލާ އެކަމަށް ތައްޔާރުވެ، ބަލީގެ އެކި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ އެސްއޯޕީތައް ތައްޔާރުކޮށް، ކުންފުނީގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް މުޣުނީގެ އިރުޝާދުތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާވުމާއި، އޭގެ ނަތީއްޖާއެއްގެ ގޮތުން ލޮކްޑައުން ހާލަތުގައި ކުންފުނީގެ އެއްވެސް މުވައްޒިފަކު ކޮވިޑަށް ޕްޒިޓިވްވެފައިނުވުން ހިމެނެ އެވެ.

މީގެ އިތުރުން ކޯވިޑްގެ ހާލަތުގައި ވެސް، ކުންފުނިން ކުރިޔަށް ގެންދާ ބޮޑެތި މަޝްއޫތައް ލަސްކަމެއް ނެތި ކުރިޔަށް ގެންދިއުމާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރެވުނު ފުރަތަމަ ކުންފުންޏަށް ވުމުގެ ޝަރަފު ސްޓެލްކޯއިން ހޯދުން ވެސް ހިމެނެ އެވެ.

އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދި އިޔާ" އަށް މުޣުނީ ހޮވިވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އިމާޖިން ލީޑާ އޮފް ދި އިޔާގެ އެވޯޑް ވެސް މުޣުނީއަށް ވަނީ ލިބިވަޑައިގެންފަ އެވެ.