މި އަހަރުގެ މިހާތަނަށް ދައުލަތުން އެކިއެކި ބޭނުންތަކަށް ނަގާފައިވާ ދަރަނި 4.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 4.7 ބިލިއަނަށް އަރާފަ އެވެ. މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އެކި ގޮތްގޮތުން ލިބުނު ޖުމްލަ އާމްދަނީއަކީ 9.4 ބިލިއަން ރުފިޔާ އެވެ.

އެއީ ޓެކްސްގެ ގޮތުގައި ލިބުނު ހަތް ބިލިއަން ރުފިޔާ އާއި އެހެން ގޮތް ގޮތުން ލިބުނު 2.2 ބިލިއަން ރުފިޔާ އެވެ. މި އަހަރު ހިލޭއެހީގެ ގޮތުގައި ލިބިފައިވަނީ 84.7 މިލިއަން ރުފިޔާ އެވެ. ކެޕިޓަލް ރިސީޓްސްގެ ގޮތުގައި ލިބިފައި ވަނީ 8.8 މިލިއަން ރުފިޔާ އެވެ.

ލިބުނު އާމްދަނީއަށް ވުރެ ބޮޑު ހަރަދެއް ދައުލަތުން ކޮށްފައިިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އެގޮތުން އާމްދަނީގެގޮ ތުގައި 9.4 ބިލިއަން ރުފިޔާ ލިބުނުއިރު ދައުލަތުންވަނީ 14.2 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެންމެ ބޮޑު ހަރަދެއް ދައުލަތުން ކޮށްފައިވާ ރިކަރެންޓް ހަރަދަށެވެ. އެގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް ޖުމްލަ 10.7 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ދައުލަތުގެ މުވައްޒިފުން މުސާރަ އާއި އިނާޔަތް ދިނުމަށެވެ. މުވައްޒިފުންގެ މުސާރާ އާއި އިނާޔަތް ދިނުމަށް ވަނީ 5.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަނީ 215 މިލިއަން ރުފިޔާ ދީފަ އެވެ. އެއީ ތިން ވަނައަށް އެންމެ ގިނައިން ކުރި ހަރަދެވެ.ކެޕިޓަލް ހަރަދުތަކަށް ޖުމްލަ 3.4 ބިލިއަން ހަރަދުކުރިއިރު ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ ޖުމްލަ 1 ބިލިއަން ރުފިޔާ އެވެ.