ބެންކޮކް (15 ޖުލައި) - ތައިލެންޑުގައި ކޮވިޑް -19ގެ ކޭސްތައް އިތުރުވަމުންދިޔަ ނަމަވެސް އެ ގައުމުގެ ތިން ރަށެއް ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

ސަމުއި، ޓާއޯ އަދި ފަންގަން ނަމަކަށް ކިޔާ ރަށްތަކުގައި ވެކްސިން ޖަހާފައިވާ ބޭރުގެ ޓޫރިސްޓުންނަށް އެ ތިން ރަށް ހުޅުވާލީ އެ ގައުމުގެ ޓޫރިޒަމް ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ތައިލެންޑްގައި ތައާރަފުކުރި "ސޭންޑް ބޮކްސް" ސްކީމްގެ ދަށުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓީނަކާ ނުލައި، އެ ގައުމުގެ ޓޫރިޒަމް މަންޒިލެއް ކަމަށްވާ ފުކެޓަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ތައިލެންޑްގައި އިއްޔެ ދިން ލުއިތަކުގެ ދަށުން ސަރުކާރުން ހުއްދަ ދީފައިވާ ތަނެއްގައި ޓޫރިސްޓުން ހަފުތާއެއް ވަންދެން ކަރަންޓީންވާން ޖެހޭއިރު، ހަތަރުވަނަ ދުވަހު ހޮޓަލުން ބޭރަށް ނުކުމެވޭނެ އެވެ. އެއަށްފަހު ހަފުތާއެއް ފަހުން ޓާއޯ އާއި ފަންގަންއަށް ދާނަމަ ނެގެޓިވް ކޮވިޑް ޓެސްޓެއް ހުށަހަޅަން ޖެހޭނެ އެވެ.

ތައިލެންޑްގައި ހަލުވިކަމާއެކު ކޮވިޑް -19 ފެތުރެމުންދާއިރު ވެރިރަށް ބެންކޮކް އާއި އިތުރު ނުވަ ޕްރޮވިންސެއްގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އިދާރާތަކުން ބުނާ ގޮތުގައި އެ ގައުމުގައި މިހާރު ފެތުރެމުން ދަނީ ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓެވެ.

ފުކެޓް ހުޅުވާލި ފަހުން 5،000 އަށްވުރެ ގިނަ ޓޫރިސްޓުން އެ މަންޒިލަށް ޒިޔާރަތް ކޮށްފައިވާއިރު އޭގެ ތެރެއިން ދިހަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ތައިލެންޑްގެ އިތުރު ރަށްތަކެއް ހުޅުވާލި ނަމަވެސް ފަތުރުވެރިކަން ހަމަޔަކަށް އެޅެން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ސަރުކާރުގެ އިދާރާތަކުން ބުނެ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް