ވިލާ އެއާގެ ފްލައިމީން މާމިގިއްޔާއި އިންޑިއާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ވިލާ އެއާއަށް ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ ދީފައިވެ އެވެ. މި ދަތުރުތައް ކުރުމުގެ ހުއްދަ ދީފައިވަނީ އޭޝިއާގެ މަންޒިލަކަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފްލައިމީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވެފައި ވަނީ އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު މަންޒިލަކަށްވާތީ ރާއްޖޭގެ ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ގެނެސްދެވޭނެ ގޮތްތައް ފްލައިމީން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާގެ ދިއްލީ، ބެންގަލޫރު، އަހްމަދުއާބާދު، އަދި މުމްބާއީއަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނާޝިދު ވިދާޅުވެފައި ވަނީ ފްލައިމީން ބޭރު ދަތުރުތައް ކުރަން ނެރޯ ބޮޑީ ބޯޓެއް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޑިއާގެ ހަތަރު މަންޒިލަކަށް ދަތުރުތައް ފެށުމަށްފަހު، ދެވަނަ ކުއާޓަރުގައި އިތުރު މަތިންދާބޯޓުތައް ގެނެސް، ޗައިނާއަށް ދަތުރުތައް ފެށުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ އިތުރުން ކޮލަންބޯގެ ބޯޑަރު ހުޅުވާލުމުން ރާއްޖެއާއި ލަންކާގެ ރަތަމަލާނާ އެއާޕޯޓާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ފްލައިމީން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޑޮމެސްޓިކް ފްލައިޓްތައް ހުއްޓާލާފައި އޮތުމަށްފަހު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފްލައިމީން ވަނީ ޑޮމެސްޓިކް ދަތުރުތައް ވެސް އަލުން ފަށައިފަ އެވެ.