ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ސަނާ މަންސޫރުގެ ބަދަލުގައި ޔޫޝައު ސައީދު، ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަގާމަށް ޔޫޝައު ކަނޑައެޅީ އިއްޔެ ބޭއްވި 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ. ޔޫޝައުއަކީ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރެވެ. އޭގެ އިތުރުން އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރެއްގެ ގޮތުގައި ފެބްރުއަރީ 2019 އިން މިމަހުގެ 14ގެ ނިޔަލަށް މަސައްކަތްކުރައްވައިފަ އެވެ.

ޔޫޝައުގެ އިތުރުން ސަރުކާރުގެ ފަރާތުން އިތުރު ދެ ޑިރެކްޓަރަކު ވެސް ބޯޑަށް އަލަށް އައްޔަންކޮށްފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައި އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަން ކުރި ޑިރެކްޓަރުންނަކީ:

  1. ޓިމޮތީ ސޯޔާ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
  2. އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ
  3. ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް
  4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  5. އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. އަބްދުﷲ ހުސާމް ޝަރީފް، ދިގުވާންޑު، ސަވާ، ޏ. ފުވައްމުލައް (އަލަށް އައްޔަންކުރި ޑިރެކްޓަރެއް) ސީޓީއެލް ސްޓްރެޓެޖީސްގެ ޕާޓްނަރެއް
  7. މުހައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ (އަލަށް އައްޔަންކުރި ޑިރެކްޓަރެއް) އެޗްޑީސީގެ ފައިނޭޝަލް ކޮންޓްރޯލަރު

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެއްވި ދެ ޑިރެކްޓަރުންނަކީ:

  1. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  2. އަހުމަދު މުހައްމަދު، ގ. އުފާ

އެގާރަ މެމްބަރުން ހިމެނޭ ބީއެމްއެލްގެ ބޯޑުގެ ދެ މެމްބަރަކު އަދިވެސް މަދުވެ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ އެއް ޑިރެކްޓަރަކާއި އާއްމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ އެއް ޑިރެކްޓަރެވެ. އޭގެ ތެރެއިން އާއްމު ހިއްސާދާރުން ތަމްސީލުކުރުމަށް ކުރިމަތިލި ތިން މީހުންގެ ތެރެއިން، ކުރިން ވެސް އެ ބޯޑުގައި ހިމެނިވަޑައިގެންނެވި މުހައްމަދު އަބްދުއް ސައްތާރު މިފަހަރު ޝަރުތު ހަމަނުވާތީ ވާދަކުރުމުގެ ފުރުސަތެއް ނުދެ އެވެ.