ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ މި އެވޯޑަކީ 72 އަހަރުގެ ހިދުމަތުގެ ރެކޯޑްއޮތް މިކުންފުނި ކުރިއަރާ ގޮސްފައިވާ ގޮތާއި، މިކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކާއި، ހޯދަމުންދާ ކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ.

އެގޮތުން މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއްނެތް ކަރަންޓުގެ ޑިމާންޑަށް ކޭޓާކުރުމަށް ސްޓެލްކޯއިން ނަމޫނާ ދައްކާފައި ވާތީ އާއި، ޖާގައިގެ ދަތިކަމާއެކު ވެސް، ސްޓެލްކޯއަށް ލިބިފައިވާ ބިމުގެ އެކި ދިމަ ދިމާލުގައި ޖަނަރޭޓަރު ބަހައްޓައިގެން އެ އަރަމުންދިޔަ ޑިމާންޑަށް ކޭޓާކުރުމަށް ކޮށްފައިވާ މަސައްކަތް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ މީހުން ބިނާ ކުރުމުގެ ރޮނގުން އެ ކުންފުނިން ކުރަމުންދާ ފުރިހަމަ މަސައްކަތްތަކާއި، ކޮވިޑްގެ ހާލަތުގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅުގޮތުގައި އަނބުރާ މުޖުތަމައުއަށް ނިކުތުމަށް އެހީތެރިވުމަށް އެފަރާތްތަކަށް ދިނުން ހިމެނޭ ކަމަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައި އަދާކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމުގެ އިތުރުން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށްވުން ވެސް އެ އެވޯޑް އެ ކުންފުންޏަށް ލިބުގައި މުހިއްމު ދައުރެއް އަދާކުރި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސާދަ ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައި، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ސްޓެލްކޯއިން ވަނީ ގާއިމްކޮށްފަ އެވެ. އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރުކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން (ސްޓެލްކޯ މާޓީވީ) ބެހެއްޓުމާއި، ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތާއި، ސޯލާ ޕެނަލް ވިއްކުމަށް ހުޅުވާފައިވާ ސްޓެލްކޯ ގްރީންލައިފް ސޯލާ ސެންޓަރާއި، ސްޓެލްކޯ ގްރީންލައިފް ބަސް ސްޓޮޕާއި، ސްޓެލްކޯ ފްލޯޓިން ސޯލާ ޕޮޑްގެ އިތުރުން، ކަސްޓަމަރުންނަށް އެންމެ ހެޔޮއަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ބާޒާރަށް ނެރުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް މިކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލް އަގުވާމީ މިންގަނޑެއް ކަމުގައިވާ އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑްފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް އެ ކުންފުނިން ބޭނުންކުރަން ކުރާ މަސައްކަތްތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު، މި ކުންފުންޏަށް 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި، ސީއެމްޑީއިން ދޭ ކޯޕަރޭޓް ގަވާނެންސް އެންމެ ރަނގަޅު ކުންފުންޏަށް ދޭ "ސީޖީ އެފޯޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި، ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ވެސް ވަނީ ލިބިފަ އެވެ.