ޗައިނާއާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ގިނަ ގެއްލުންތަކެއްވާ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރޭ މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާ އެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ބުރޫއަރާނެ ގޮތަކަށް އޮތް އެއްބަސްވުމެއް ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން މިހާރު މިދަންނަވަނީ އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން. އޭގަ ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި އިނގޭތޯ. ކޮންމެ ކަމެއްގަވެސް ހުންނާނެ ރަނގަޅާއި ގޯހާ،" އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ލ. ގަމު ދާއިރާގެ މަޖިލިސް މެމްބަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު ވެސް އެ އެއްބަސްވުމާ ވަރަށް ދެކޮޅު ހެއްދެވި ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް މިބަލަން ލިބުނީ ވެސް ގަޑިއެއްހާއިރު އިނގޭތޯ. 1000 ކޮންމެސް ގަނޑެއްއޮތް އެއްބަސްވުމެއް އެއީ. ފަހުން އެބަލާލިން މަޖިލީހުން ރުހުންދިން ހިސާބުން. އޭގެއިން ވަރަށް ގިނަ ގެއްލުންތަކެއް ރާއްޖޭގެ އިގްތިސާދަށް ކުރާނެ،" ފައްޔާޒު އިސްމާޢީލް ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވީ ޗައިނާއިން ޑިއުޓީ ފްރީކޮށް މުދާ އެތެރެކުރެވިދާނެ ކަމަށެވެ. ނަމަވެސް ޗައިނާ ކަހަލަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ގައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެހެން ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާއެކު ޒަމާނުއްސުރެ ޓްރޭޑްގެ ގޮތުން އެސްޓަބްލިޝްވެފަހުރި ހުރިހާ ލިންކުތަކެއް ހަލާކުވެގެން އެދަނީ. އޭގެ މާނައަކީ އަޅުގަނޑުމެން ފޯލްބެކް އެއްވެސް އެއްޗެއް ނޯންނާނޭ. ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުބާއީއާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ،" ފައްޔާޒު ވިދާޅުވި އެވެ. "އެއީ މިދެންނެވިހެން ޗައިނާގެ އެއްޗެހި އަގުހެޔޮވީމަ ހުރިހާ ވިޔަފާރިވެރިން ވެސް ވައްދާނީ ޗައިނާ އެއްޗެހިތާ. ދެން އަލުން އަޅުގަނޑުމެން ބަލާލާއިރު އެސްޓަބްލިޝްކޮށްފަހުރި ވިޔަފާރީގެ ގުޅުންތައް އަލުން ފައްޓާނެ ޖާގައެއް ނޯންނާނެ."

މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަކީ އޭނާ އިގްތިސާދާބެހޭ ވަޒީރަކަށް ހުންނެވި ނަމަ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކަންކަމާ ވާހަކަ ދައްކައިގެން އިތުރަށް ރަނގަޅުކުރެވިދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ އެއްވެސް ގާނޫނެއް ހަދާއިފައި ނެތުމުން އެ އެއްބަސްވުމުގެ ފައިދާއެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ. ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ ޑިސެމްބަރު 7، 2017ގަ އެވެ.