ޗައިނާއިން ސްރީލަންކާއަށް ދޭ 500 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސޮއި ކުރާނެ ކަމަށް ސަންޑޭ ޓައިމްސް ނޫހުން ރިޕޯޓުކޮށްފި އެވެ.

މި އާ އެއްބަސްވުމަށް އާދެވިފައި މިވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސާ އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މެމްބަރެއް ކަމަށްވަ ޔާންގް ޖިއެޗީ އިސްކޮށް ހުންނަވާ، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޗައިނާގެ ވަފުދާއި ދެމެދު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިންނެވެ. ޔާންގް އެޗީ ސީޕީސީގެ ފޮރިން އެފެއާސް ކޮމިޝަނުގެ ޑިރެކްޓަރު ވެސްމެ އެވެ.

ޓްރެޝަރީ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި މި ލޯނު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެވެ. މި ލޯނު ބޭނުންކުރެވިގެން ދަނީ ކޮވިޑް-19ގެ ސަބަބުން ދަށަށް ގޮސްފައިވާ އިގްތިސާދު އަލުން އާރާސްތު ކުރުމަށް ކަމަށް އެ އޮފިޝަލުން މައުލޫމާތު ދެ އެވެ.