ފްލައި ދުބާއީން ރާއްޖެއަށް ހަފްތާއަކު 21 ދަތުރު ކުރުމަށް ނިންމައިފި އެވެ.

ފްލައި ދުބާއީން ބުނީ އެއާލައިން މެދުވެރިކޮށް ރާއްޖެ އަންނަ މީހުން ގިނަވަމުން އަންނާތީ އެ އެއާލައިނުން ވަނީ މި އަދަދު ހަފުތާއަކު 21 ދަތުރަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ. އެ އެއާލައިނުން ރާއްޖެއަށް މިހާރު ކުރަމުންދަނީ ހަފްތާއަކު 12 ދަތުރެވެ.

ފްލައި ދުބާއީން ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ފްލައި ދުބާއީން ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ދަތުރުތައް ފަށާފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭރު ހަތަރު ދަތުރު ފަށާފައިވީ ނަމަވެސް ޑިމާންޑާއެކު އެ އެއާލައިނުން އަންނަނީ ދަތުރުތައް ގިނަކުރަމުންނެވެ.

ރާއްޖެއަށް ފްލައި ދުބާއީން އަންނަނީ އިރުމަތީ ޔޫރަޕް އަދި މެދު އިރުމަތީ ގައުމުތަކުގެ ފަތުރުވެރިންނެވެ.

ފްލައި ދުބާއީން ރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރަނީ ބޮއިން 800 - 737 މަރުކައިގެ، 184 ގޮނޑީގެ މަތިންދާ ބޯޓެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންދަނީ 32 އެއާލައިނަކުންނެވެ. އޭގެ ތެރޭގައި ޗާޓަރު ދަތުރުތައް ބާއްވާ 10 އެއާލައިނެއް ވެސް ހިމެނެ އެވެ.