މާލެއާއި ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ގާއިމުކުރި ކަރަންޓު ވިއުގައިގެ ގްރިޑްގެ ފުރަތަމަ ސާކިޓަށް ކަރަންޓު ދީފި އެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބު ކަމަށާއި، އެ މަސައްކަތުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ކުރިމަތި ނުވާ ކަމަށެވެ. އަދި ގްރިޑްގެ ފުރަތަމަ ސާކިޓް މިހާރު އެނަޖައިޒް ކޮށްފައިވާ ކަމަށާއި، މި މަޝްރޫއުގެ ދަށުން ހުޅުލޭ އިންޖީނުގެ އާއި މާލޭ އިންޖީނުގެ ސިންކްރޮނައިޒްކުރުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ސްޓެލްކޯއިން ތާވަލްކޮށްފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށް މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ކުރިޔަށް ދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނާޖައިޒްކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގްރޭޓާ މާލޭ އިންޓަކަނެކްޝަން މަޝްރޫއަކީ މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެ އެވެ.