ސަރުކާރު ހިއްސާ ކުންފުނިތަކަކުން ނެގި ލޯނުތަކުގެ ތެރޭގައި ނުދެއްކުނު 762 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދައްކައިދިން ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓެއްގައި ބުނެފި އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް މިދިޔަ ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޑިސެމްބަރު 31، 2018ގެ ނިޔަލަށް ސަރުކާރުގެ އެކި ކުންފުނިތަކުން ހިންގި އެކިއެކި މަޝްރޫއުތަކަކަށް ޚަރަދުކުރަން ލޯނުތަކެއް ނަގާފައިވާ ކަމަށެވެ. އަދި އެ ލޯނުތައް ނަގާފައި ވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުނުވާނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޑިސެމްބަރު 31، 2018ގެ ނިޔަލަށް ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް 6.3 ބިލިއަން ރުފިޔާގެ ލޯނު ނެގި ކަމަށް ބުނެފައިވެ އެވެ. މީގެ ތެރެއިން ބައެއް ލޯނުތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކިގެން ސަރުކާރުގެ ބަޖެޓުން 762.1 މިލިއަން ރުފިޔާ ރީޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި އެ ލޯނުތަކުގެ ތަފުސީލެއް އަދި އެއީ ކޮން ކުންފުނިތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ. އަދި ލޯނު ދައްކައިދިނީ ކޮން ކުންފުނިތަކެއްގެ ލޯނުތަކަކަށް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.