ގްރޭޓާ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ވަގުތު މާލެ ސަރަހައްދުން ކަރަންޓް ކެނޑިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރިން ރޭވިފައި އޮތް ދުވަސް ތަކުގެ އިތުރުން މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިމަސައްކަތް ކުރިއަށްދާ ވަގު މާލެ ސަރަހައްދު ކަރަންޓް ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާކަމަށްވާ ނަމަ، އަންނަ ހޮނިހިރު ދުވަހު އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގްރިޑް މަސައްކަތް ކުރަމުންދާތީ އިއްޔެ ވެސް މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވެ އެވެ. ނަމަވެސް ކަރަންޓު ދިޔަތާ ގަޑިއިރެއްހާ އިރުތެރޭގައި ސްޓެލްކޯ އިން ވަނީ މުޅިމާލެއަށް ކަރަންޓު ފޯރުކޮށްދީފަ އެވެ.

އެ ކުންފުނިން ބުނީ ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ސްޓެލްކޯއިން ބަހައްޓާފައި އެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މި މަޝްރޫއުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެ އެވެ. އެގޮތުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެ އެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެ އެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.