ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކޮވިޑް ދިފާއުވުމަށް ޖަހާ އެއްވެސް ވެކްސިން ޑޯޒެއް ފުރިހަމަ ނުކޮށް ތިބީ ޖުމްލަ ތިން ޕަސެންޓް މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ރިސޯޓް މުވައްޒަފުންގެ ތެރެއިން 97 ޕަސެންޓް މީހުން ކޮވިޑް ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ ރިސޯޓްތަކުގައި އުޅޭ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ 320،887 މުވައްޒަފުން ފުރިހަމަ ކޮށްފައިވާއިރު، ދެ ވަނަ ޑޯޒް 259،761 މުވައްޒަފުން ވަނީ ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަށް ބަލާލާއިރު، ރާއްޖޭގެ އާބާދީގެ 320،991 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 260،281 މީހުންނެވެ.