ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކެއްގެ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށްފި އެވެ.

މިމަޝްވަރާތައް ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ރަޝިއާގައި ހުންނަ ދިވެހި ޓުއާ އޮޕަރޭޓިން ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް ހޮލިޑޭސްއާއެކު އެވެ. މިމަޝްވަރާ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވަނީ ބައިވެރިވެފަ އެވެ.

ރިސޯޓް ލައިފް އާއި ރެޑްވިންގްސް އެއާލައިންއާ ގުޅިގެން ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި މިނިސްޓަރު މައުސޫމް ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ގޮތުން މައުލޫމާތު ރެޑްވިންގްސް އެއާލައިން ހިންގާ ޒިއާ ޓުއާސް އާއި މޮސްކޯގެ ޒުކޮވުސްކީ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއީއޯއާ ހިއްސާ ކުރެއްވި ކަމަށެވެ.

މި ބައްދަލުވުމަށް ފަހު ޒިއާޓުއާސް އާއި ރިޒޯޓުލައިފް ހޮލިޑޭސް އާއި ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއި ކޮށްފަ އެވެ. ރިސޯޓު ލައިފުގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދެވެ. ޒިއާޓުއާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އެވެ.

މައުސޫމް ވަނީ ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިއާގެ ޓްރެވަލް ޓްރޭޑް ޕާރްޓްނަރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެ ގައުމުން ދަތުރުތައް ފަށާއިރު ހާއްސަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަކީ ސަރުކާރުން ވަރަށްބޮޑަށް އެދޭ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިއާ އާއި އިރުމަތީ ޔޫރަޕުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.