މާލެ އާއި ތިލަފުއްޓާ ދެމެދު ބްރިޖް އެޅުމަށް އިންޑިއަން އެގްޒިމް ބޭންކުން ދޭން ނިންމި 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ- މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އަދި އެގްޒިމް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގްޒިމް އިންޑިއާގެ ޖެނެރަލް މެނޭޖަރު ނިރްމިތް ވެޑް އެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރު އަދި މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން ހުޅުމާލެއިން ފެށިގެން ތިލަފުށްޓާ ދެމެދު އެއްގަމު ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލެވި، ގްރޭޓަ މާލެ ސަރަހައްދުގައި ދަތުރު ފަތުރު ކުރުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ބްރިޖަކުން ގުޅާލެވުމުން އެއްގަމު މަގުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދެވުމުގެ ފުރުސަތު ހުޅުވިގެން ދިއުމާއެކު ސިނާއީ މަސައްކަތްތައް މީހުން ދިރިއުޅޭ ހިސާބުތަކުން ބަދަލު ކުރެވި މާލޭގެ ތޮއްޖެހުން ކުޑަވެގެންދާނެ. އަދި ވިޔަފާރި ދާއިރާ އިތުރަށް ފުޅާ ކުރުމަށް މަގުފަހިވެގެން ދިއުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ހެޔޮ ބަދަލުތަކެއް މެދުވެރިވެގެން ދާނެ. މި މަޝްރޫއުގެ ސަބަބުން ދިވެހި ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތައް އެކަށޭނެ ހެޔޮ އަސަރުތަކެއް ކުރާނެކަމަކަށްވެފައި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ އެހެން ހުރިހާ ދާއިރާތަކެއް ކުރިއަރައިގެންދާނެ،" އެ މިނިސްޓްރީން ބުންޏެވެ.

މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސްއަހަރު ދުވަހުގެ ފަހުން ކަމަށްވާއިރު މި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ އެވެ. ފިނޭންސުން ބުނީ މިއީ ލައިން އޮފް ކްރެޑިޓްގެ ކޮމްޕޮނެންޓު ހިމެނޭ އެއްބަސްވުމެއް ކަމުން މަޝްރޫއު ތަކުގެ ޕްރޮޖެކްޓް ކޮމްޕޯނެންޓް ގެ 75-65 ސޯސް ކުރެވޭނީ އިންޑިއާއިން ކަމަށެވެ. މީގެ ސަބަބުން ދިވެހި ކުންފުނިތަކަށާއި ހިދުމަތްތެރިންނަށް މަޝްރޫއުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ފިނޭންސުން ބުންޏެވެ.

ތިލަފުށީގައި ބްރިޖް އެޅުމަށް އިންޑިއާ އެގްޒިމް ބޭންކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރާއި އިންޑިއާގެ އޮފިޝަލުން ބައިވެރިވަނީ. ފޮޓޯ: ފިނޭންސް މިނިސްޓްރީ

މި މަޝްރޫއުގެ ކޮންސަލްޓެންޓުގެ ގޮތުގައި ހަރަކާތްތެރި ވަނީ އެމްއެސް އަރޫޕް ލިމިޓެޑެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރު) އަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން މިހާރު އެޕްރޫވަލް ލިބިފައިވާ ކަމަށެވެ.

ފިނޭންސުން ބުނީ މަޝްރޫއު ހިންގާނެ ކޮންޓްރެކްޓަރެއް ހޯދުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ޓެންޑަރިންއަށް ހުޅުވާލާނެ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހު ބުރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

ފިނޭންސް އިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓަޗޭންޖްތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެ އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީސީޓީވީ އަދި ސައިން ގެންޓްރީގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިންގައި ބޭނުން ކުރާނީ އިރުގެ ހަކަތަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ލޭމްޕް ޕޯސްޓްތަކާއި ބްރިޖްގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރާން ހަމަޖެހިފައިވެ އެވެ.