ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް އަދިވެސް 2019 ގެ ހާލަތަށް ނުދާ ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އެއާޕޯޓު ހިންގާ ކުންފުނިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ވުރެ މިއަހަރުގެ ފުރަތަމަ ހަސް މަސް ދުވަހު ތެރޭގައި އެއާ ޓްރެފިކް މޫވްމަންޓްތައް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ބައިނަލްއަގުވާމީ ދަތުރުތަކުގެ މޫވްމަންޓްތައް 23 ޕަސެންޓް ދަށަށް ގޮސްފައިވާއިރު އެތެރޭގެ އުދުހުންތައް ވެސް 49 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

ރާއްޖެއަށް ޒިޔާރާތް ކުރި މީހުންގެ އަދަދު ވެސް 2019 ވަނަ އަހަރާ ބަލާއިރު މިއަހަރުގެ މިހާތަނަށް 45 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ. އަދި އެތެރޭގެ އުދުހުތަކުގައި ދަތުރުކުރި މިންވަރު 63 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ތަފާތު ހިސާބުތަކުން ދައްކަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިއިރު ރާއްޖެއަށް 39 މަންޒިލަކު އަންނަނީ ދަތުރު ކުރަމުންނެވެ. މިއީ 2019 ވަނަ އަހަރާއި ބަލާއިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ.

މީގެ އިތުރުން 2019 އަހަރާ ބަލާއިރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ވެސް ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ. މިހާރު ރާއްޖެއަށް 36 އެއާލައިންއަކުން ދަތުރުކުރާއިރު 2019 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރީ 34 އެއާލައިން އަކުންނެވެ.