ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިން މިއަދު ބުނީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށާއި ގްރޭޓަ މާލޭ އިންޓަ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން މިހާރު ވަނީ ގުޅާފައި ކަމަށެވެ. އަދި ކުރިއަށް އޮތް އެއް މަސްތެރޭ މި ކަނެކްޝަނުން ކަރަންޓު ފޯރުކޮށްދޭ މިންވަރު ބަލައި ވަޒަންކުރަމުންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ގްރޭޓަ މާލޭ އިންޓަ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އިންޓަ ކަނެކްޝަން މަޝްރޫއުގެ ދަށުން އެންމެ ފަހުގެ ޓެސްޓުތައް އިއްޔެ ކޮށްފައިވާއިރު މިމަސައްކަތް ކުރި ވަގުތު އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މިހާރު މާލޭގައި ހުރި ކުދި އިންޖީނުތައް ނިވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ ގާކޮށީގައި ހިމެނޭ އިންޖީނުތައް ނިއްވާލުމަށްޓަކައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި އިންޓަ ކަނެކްޝަންގެ ސަބަބުން މާލެއާއި ހުޅުމާލެ އަދި ހުޅުލޭގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުވާނެ އެވެ.

ގްރޭޓަ މާލޭ އިންޓަ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

އިންޓަކަނެކްޝަން މަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 މެގަވޮޓްގެ ހަތަރު ޓްރާންސްފޯމަރު އަދި ހުޅުލޭގައި ވަނީ 8 މެގަވޮޓްގެ ދެ ޓްރާންސްފޯމަރު ބަހައްޓާފަ އެވެ. އެ މަޝްރޫއުގެ ކަނެކްޝަން ކޭބަލް އަޅާފައި ވަނީ ސިނަމާލޭ ބްރިޖް ދަށުންނެވެ. ތިން ސަރަޙައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޖުމްލަ ހަ ކޭބަލް މެދުވެރިކޮށް އަޅާފައިވާ މި އިންޓަ ކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.