މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ސީފެއާރާސް ރައިޓްސް އިންޓަނޭޝަނަލް (އެސްއާރްއައި)އާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އިދާރާއާއެކު ޓްރާންސްޕޯޓުން މިއަދު ސޮއިކޮށްފައި ވަނީ ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުންނެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު ނަހުލާ އެވެ. އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރްއައިގެ އެގްޒެކެޓިވް ޑިރެކްޓަރު ޑިއެޑްރެ ފިޓްޕެޓްރިކް އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަންކުރުމުގައި ވެސް އެ ޖަމްިއްޔާގެ އެހީތެރިކަން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި، ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.