ރާއްޖެއަށް ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންގެ ދަތުރުތައް އަލުން ފެށުމަށް ނިންމައިފި އެވެ.

ޔޫކްރެއިން އިން ރާއްޖެއަށް ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ރަޝިއާ އަދި ޔޫކްރެއިންގައި ޓުއާ އޮޕަރޭޓަރުގެ ހިދުމަތްދޭ ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް ހޮލިޑޭސްއާ ގުޅިގެންނެވެ.

މި ދަތުރުތައް ފެށުމަށް ހަޖެހިފައިވާކަން އިއުލާން ކޮށްފައި ވަނީ ރިސޯޓް ލައިފް ހޮލިޑޭސްގެ ފަރާތުން ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ޔޫރެއިންގައި "މޯލްޑިވްސް ޑޭ"ގެ ނަމުގައި ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.

ރިސޯޓް ލައިފް ހޮލިޑޭސްއިން ބުނީ މިދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗާޓަރުކޮށް ވަކި މުއްދަތަކަށް ނަމަވެސް، މިއަހަރުގެ ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ޔޫކްރެއިން އިންޓަނޭޝަނަލްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ޔޫކްރެއިންވެފައި ވަނީ މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ސީޒަންގައި ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމަށެވެ.

މިދިޔަ އަހަރުތެރޭ ވެސް ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންގެ ދަތުރުތައް ވަނީ ރާއްޖެއަށް ބާއްވާފަ އެވެ.