މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯއިން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައިވާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 1.2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 70 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ރިޕޯޓުގައިވާގޮތުން އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން ތެލުގެ ވިޔަފާރިން އެކަނި 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެނިހެން ވިޔަފާރިތަކުން 770 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 110 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ.

މީގެއިތުރުން ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ޖުމުލަ ހަރަދުވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ޖުމުލަ ހަރަދު 255 މިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 231 މިލިއަން ރުފިޔާ އެވެ.