ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު ތިން ވަނަ އަހަރަކަށް މި ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ އެއް އަހަރަށް ބަހާލައިގެން ކުރިޔަށްގެންދާ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ބީއެމްއެލް އިން ވަނީ ކަނޑައަޅާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ގްރެގުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ތިންވަނަ ބެޗްގެ ބައިވެރިންނަށް މަރުހަބާ ކިޔުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މި ޕްރޮގްރާމަކީ ދަސްވެނިންނަށް އުނގެނުމާއި ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދާ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރު ފުޅާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ސަހާ ވިދާޅުވި އެވެ.

އެ ބޭންކުން ބުނިގޮތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ޓްރެއިނިންގެ މުއްދަތުގައި މުސާރަ ދެވޭނެ އެވެ. އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގްރާމް ތައާރަފްކުރީ 2018 ވަނަ އަހަރެވެ. މިހާތަނަން މި ޕްރޮގްރާމްގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 14 ފަރާތަކަށް ދާއިމީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ.