މިދިޔަ ޖުލައިމަހު ރާއްޖެއަށް 100،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ރާއްޖެއަށް 101،281 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި އެއް މަހެއްގައި ރާއްޖެއަށް 100،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދެ ވަނަ މަހެވެ.

މިދިޔަ މާޗުމަހު ވެސް ރާއްޖެއަށް 109،585 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600،252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އަށެއްގެ އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 140،824 ފަތުރުވެރިން ވަނީ އައިސްފަ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 99،643 ފަތުރުވެރިން ވަނީ އައިސްފަ އެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން ރާއްޖެއަށް 33،361 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އަނެއްކާވެސް ދިރުން ލިބެން ފަށާފައި މިވަނީ ކޮވިޑް 19ގެ ނަންބަރުތައް ދަށްވެ، ސަރުކާރުން ވެސް ގިނަ ލުއިތަކެއް ދީފައިވަނިކޮށެވެ. ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް ދަށްވާން ފެށުމާއެކު ގައުމުތަކުގެ ފެހި ލިސްޓުން ރާއްޖެ ޖާގަ ހޯދައި، ރާއްޖެ އަންނަ ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފަ އެވެ.