މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 617 މިލިއަނަށް ވުރެ ގިނަ ރުފިޔާލިބިފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ، ދިރާގުން ދެމުން އަންނަ މޯބައިލް ފޯނުގެ ހިދުމަތުންނެވެ.

މޯބައިލް ފޯނުގެ ހިދުމަތްތަކުން ދެވަނަ ކުއާޓަރުގައި ދިރާގަށް ވަނީ، 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

މޯބައިލް ފިޔަވައި ދެން އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ، ފިކްސްޑް ބްރޯޑްބޭންޑްގެ ބައިންނެވެ. މިބައިން ލިބުނު އާމްދަނީ އުޅެނީ، 261 މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.

ދެވަނަ ކުއާޓަރުގައި ދިރާގް ހިންގުމުގެ ހަރަދުގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ، 283 މިލިއަން ރުފިޔާ އެވެ.

ދެވަނަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ދިރާގުގެ ފައިދާއަކީ 230.6 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންނަށް ވަނީ، 219 މިލިއަން ރުފިޔާ ލިބިފަ އެވެ.