ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑްކުރެވުނީ އިއްޔެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނިން ބުނީ ބޯޑަރު ހުޅުވިފަހުން މަޑުމަޑުން ޓްރެފިކް އިތުރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ 147 އެއާކްރާފްޓް މޫވްމަންޓް ރެކޯޑްކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ 147 މޫވްމަންޓްގެ ތެރޭގައި ހިމެނެނީ ރަންވޭ 38 މޫވްމަންޓާއި 108 ސީޕްލޭން މޫވްމަންޓެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗް މަހުގެ ފަހުކޮޅު ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޖުލައި 15ގަ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ން ފެށިގެން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 22،007 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 223 ތަނެއް ހުޅުވާފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓު، ސަފާރީ ހިމެނެ އެވެ. އެއީ 24،000 އަށްވުރެ ގިނަ އެނދެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާ ރަންވޭގައި ޕާކުކޮށްފައިވާ ސީޕްލޭންތަކެއް. ފޮޓޯ: އެމްއޭސީއެލް

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 4،566 ޓޫރިސްޓުން ދަތުރުކުރި އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އުފުލީ އެމިރޭޓްސް އިންނެވެ. އެއާލައިނުން 4،058 މީހުން އުފުލާފަިވެ އެވެ. ތިންވަނަ އަށް އެންމެ ގިނައިން މީހުން ދަތުރުކުރީ ރަޝިއާގެ އެއިރޯފްލޮޓުންނެވެ. އެ އެއާލައިނުން 1،820 މީހުން ދަތުރުކޮށްފައިވެ އެވެ.