މިއަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ އެންމެ ފަސް މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީން އާއްމުކުރި މާލީ ބަޔާނަށް ބަލާއިރު، ދެވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ އަމްދަނީއަކީ 13.6 މިލިއަން ރުފިޔާ އެވެ.

ހިންގުމުގެ ހަރަދަށް ކެނޑުމަށްފަހު މި މުއްދަތުގައި ލިބުނު ޖުމްލަ ފައިދާއަކީ 6.6 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ބެލެންޝީޓުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އެމްޓީޑީސީން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީ ބޮޑެތި އަދަދުތަކެވެ. މިގޮތުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 12 މިލިއަނަށް އަރާއިރު، ދައުލަތަށް ދައްކަންޖެހޭ ދަރަނީގެ އަދަދު އުޅެނީ 185 މިލިއަނަށް ވުރެ މަތީގަ އެވެ.

އެމްޓީޑީސީއަކީ ޓޫރިޒަމުގެ ފައިދާ ދިވެހިންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމުގެ ނަމުގައި 2006 ވަނަ އަހަރު ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.

އެމްޓީޑީސީ އުފެއްދިތާ 15 އަހަރު ވީއިރު ކުންފުނި އުފެއްދި ހަގީގީ މަގުސަދު އަދިވެސް ހާސިލުވަމުން ނުދާތީ އާއްމު ހިއްސާދާރުން ކަންބޮޑުވުންފާޅުކުރެ އެވެ.