އެޕަލްއަށް ލޯބިކުރާ މީހުންގެ އިންތިޒާރަށް ނިމުމެއް ގެނެސް އެޕަލް އިން އެމީހުން އާ އައިފޯނު 12 ރޭ ދައްކާލައިފި އެވެ.

މި ފަހަރުގެ އައިފޯނުގެ ހަތަރު މޮޑެލްއެއް ދައްކާލާފައި ވާ އިރު އެ ހުރިހާ މޮޑެލްއަކަށް ވެސް 5ޖީ ސަޕޯޓުކުރާނެ އެވެ.

އައިފޯން 12

އައިފޯން 12 ގެ ބައެއް ފީޗާތަކަށް ބަލާއިރު ކޮންމެ ފޯނެއްގައި ވެސް ދެ ކެމެރާ ހުންނާނެ އެވެ. އަދި މިފޯނަކީ އައިފޯން 11 އަށް ވުރެ ތުނި އަދި ލުއި ފޯނެކެވެ. ތަފާތު ފަސް ކުލައެއްގެ އައިފޯނު ނެރެފައިވާ އިރު އެ ކުލަތަކަކީ ކަޅު، ހުދު، ރަތް، ފެހި އަދި ނުލެވެ. މީގެ އިތުރުން އައިފޯނުގައި ވަނީ އަޕްގްރޭޑް ކުރެވިފައިވާ އެކްސްޑީއާރް ޑިސްޕްލޭއަކާއި ވަރުގަދަ ސްކްރީނެއް ހިމަނާފަ އެވެ. އެޕަލް އިން ބުނަނީ މިއީ "ސެރެމިކް ޝީލްޑެއް" ކަމަށެވެ. އަދި މިއީ އައިފޯނެއްގައި ހުންނަ އެންމެ ވަރުގަދަ ސްކްރީން ކަމަށެވެ.

އެޕަލްއިން ބުނިގޮތުގައި މިފަހަރުގެ އައިފޯނުގައި ބޭނުންކޮށްފައި ހުންނަ އޭ14 ބަޔޯނިކް އަކީ މިހާތަނަށް އައިފޯނެއްގައި ބޭނުންކުރެވިފައި ހުންނާނެ އެންމެ ވަރުގަދަ އަދި ފާސްޓް ޕްރޮސެސާ އެވެ.

މިއާއި އެކު އެޕަލްއިން މިވަނިީ 5.4 އިންޗީގެ އައިފޯން 12 މިނީ ވެސް ދައްކާލާފަ އެވެ. މި ފޯނުގައިވެސް އައިފޯނު 12 ގެ ހުރިހާ ފީޗާތަކެއް ކަމަށްވާ ޑުއަލް ކެމެރާ އާއި ސެރެމިކް ޝީލްޑުވެސް ހުންނާނެ އެވެ. ތަފާތަކީ ސައިޒުން ކުޑަވުމެވެ.

އައިފޯން 12 މިނީ

އައިފޯން 12 މިނީއެއްގެ އަގު 699 އެމެރިކާ ޑޮލަރުން ފެށޭއިރު އައިފޯން 12 ގެ އަގު ފެށެނީ 799 އެމެރިކާ ޑޮލަރުންނެވެ.

އައިފޯން 12 ޕްރޯއާއި ޕްރޯ މެކްސް އަކީ ފޮޓޯނަގަން ލޯބިކުރާ މީހުންނަށް "މަރެކެވެ." މި ފޯނުގެ ކެމެރާ އައިފޯން 12 ގެ އެހެން މޮޑެލްތަކަށްވުރެ ވަރުގަދަ ވާނެ އެވެ. މި ކެމެރާ ވައިޑްވެފައި އޮޕްޓިކަލް ޒޫމް ރޭންޖް ވެސް ވަރުގަދަވާނެ އެވެ. އަދި އެހެން ފޯނުތަކުގެ ކެމެރާއާއި އަޅާ ބަލާއިރު ލެންސަށް 27 އިންސައްތަ އިތުރަށް އަލި ވައްދައިދެ އެވެ.

އައިފޯން 12 ޕްރޯ އަދި ޕްރޯ މެކްސް

މި ފޯނުގެ ސްކްރީން ވެސް ބޮޑުވާނެ އެވެ. އެގޮތުން ޕްރޯގައި 6.1 އިންޗީގެ ޑިސްޕްލޭއެއް ހުންނަ އިރު ޕްރޯ މެކްސްގައި 6.7 އިންޗިގެ ޑިސްޕްލޭއެއް ހުންނާނެ އެވެ. މި ފޯނުތަކުގެ ހަތަރު ކުލަ ނެރެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ކަޅު، ހުދު، ރަން، އަދި ނޫ ކުލަ އެވެ.

އައިފޯން 12 ގެ އަގުތައް ތިރީގައި ހިމަނާލާނަމެވެ. ރޯން ނުފަށާށެވެ.

އައިފޯން 12 ގެ އަގުތައް

އެޕަލް އިން އައިފޯން ޕްރޯގެ 128 ޖީބީ ވިއްކަން ނިންމާފައިވަނީ 999 ޑޮލަރަށެވެ. ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،099 ޑޮލަރެވެ. އައިފޯން 12، 799 ޑޮލަރަށް ވިއްކަން ނިންމާފައި ވާއިރު މިނީ ވިއްކާނީ 699 ޑޮލަރަށެވެ.

ޕްރީއޯޑަރަށް މި މަހުގެ 16 ގައި ހުޅުވާލުމަށް ފަހު 23 ގައި ޝިޕްކުރަން ފަށާނެ އެވެ. ޕްރޯ މެކްސް އާއި މިނީ ޝިޕްކުރަން ފަށާނީ ނޮވެމްބަރު 13 އިން ފެށިގެންނެވެ.