މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި އެވެ.

މިއީ، މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ސާވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް މީރާއިން ބުންޏެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހު ހެނދުނު 9:00 އިން މެންދުރު 2:30 އަށް، މޯލްޑިވިއަން ބްލަޑް ސާވިސަސްގަ އެވެ.

މި ޕްރޮގްރާމުގައި އެ އިދާރާގެ ގިނަ މުވައްޒަފުން އަދި އާންމުންގެ ފަރާތްތަކުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާ ކަމަށް މީރާއިން ބުންޏެވެ. އަދި، ކޮވިޑް-19 އާއި ގުޅިގެން މި ދިމާވެފައިވާ ހާލަތުގައި، މީރާއިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ރައްކާތެރި ފިޔަވަޅުތަކާއި އެކީގައި ކަމަށް މީރާއިން ބުންޏެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.