އެހީގެ ގޮތުގަ އާއި ލޯނު ނުހިމެނޭހެން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ދެ ވަނަ ކުއާޓާރުގައި 3.9 ބިލިއަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ.

އެމްއެމްއޭ އިން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ވާގޮތުން ސަރުކާރުގެ ޖުމްލަ އާމްދަނީގައި 2020 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރުގެ ނިޔަލަށް ވަނީ 1.3 ބިލިއަން ރުފިޔާ ސަރުކާރުގެ އާމްދަނީ ނުވަތަ ދައުލަތުގެ އާމްދަނީއަށް އައިސްފައިމިވާ ބޮޑު ލޮޅުމަކީ ކޯވިޑް-19 ފެތުރުމާ ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަކާއި އޭގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިތަކާއިހުރެ ކަމަށް އެމްއެމްއޭ އިން އެކުލަވާލި ބުލެޓިންގައިވެ އެވެ.

ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބަދަލަކީ ސަރުކާރުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެމްއެމްއޭ އިން ގަބޫލުކުރެ އެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ދަތުރުފަރުތު ކުރުމުގެ ނިޒާމަށް ބަދަލު ގެނެސް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަކީ ފާހަގަ ކޮށްލެވޭ ސަބަބެއް ކަމަށް އެމްއެމްއޭގެ ބުލެޓިންގައިވެ އެވެ.

މިހެން ވުމުގެ ސަބަބުން ޓެކުހާއި އެހެން ގޮތްގޮތުން ސަރުކާރަށް ލިބިފައިވާ އާމްދަނީ ވަނީ މިއަހަރުގެ ދެ ވަނަ ކުއާޓާރުގައި ދަށްވެފަ އެވެ. ސަރުކާރުގެ އާމްދަނީގެ 65 ޕަސެންޓަކީ ޓެކްސްކަމަށް ވާތީ ސަރުކާރަށް ޓެކުހުން ލިބުނު ގެއްލުން 3.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އެމްއެމްއޭގެ ބުލެޓިންގައިވާ ގޮތުން ސަރުކާރަށް 2020 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި އާމްދަނީ އެންމެ މަދުން ލިބިފައިވަނީ ޓޫރިޒަމް ގޫޑްސް އެންޑް ސާވިސަސް ޓެކްސް އިންނެ އެވެ. މި މުއްދަތުގައި ޓީޖީއެސްޓީން ލިބިފައިވާ އަދަދު ވަނީ 2019 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާ ދަށްވެފަ އެވެ. ޓީޖީއެސްޓީގެ އިތުރުން ސަރުކާރަށް ބޮޑު އާމްދަނީއެއް ދެން ލިބެނީ ޖެނެރަލް ގޫޑްސް އެންޑް ސާރވިސް ޓެކްސް އިން އެވެ. މީގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސް އިން ސަރުކާރަށް މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބިފައިވާ އާންދަނީ ވެސް ވަނީ ދަށްވެފަ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އައި ލޮޅުމާއެކު ސީދާ އަސަރުކޮށްފައިވާ ޓެކުހުގެ ތެރޭގައި އެއާޕޯޓް ސާވިސް ޗާޖް އަދި ގްރީން ޓެކްސް ހިމެނެ އެވެ. އެގޮތުން ސަރުކާރަށް މިއަހަރު ގްރީން ޓެކުހުން 170.1 މިލިއަން ރުފިޔާގެ ގެއްލުން ކޮށްފައިވާ އިރު އެއާޕޯޓް ސާވިސް ޗާޖުން ވަނީ 151.3 މިލިއަން ރުފިޔާގެ ގެއްލުމެއް ރެކޯޑު ކުރެވިފަ އެވެ.

މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށް އަދަދެއް ކަމަށް އެމްއެމްއޭގެ ކުއާޓާލީ ބުލެޓިންގައި ބުނެފައިވެ އެވެ.