ސަރުކާރުގެ އެއްވެސް އިދާރާއެއް ރަހުނުކޮށްގެން ދަރަންޏެއް ނެގުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި މިނިސްޓްރީގެ ބައެއް މުވައްޒަފުން ދުބާއީއަށް ދަތުރުފުޅެއް ކުރައްވަނީ ދައުލަތުގެ ބައެއް އިމާރާތްތަކާއި ބިންތައް ރަހުނުކޮށްގެން ދަރަނި ނެގުމަށް ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައި ވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މިހާތަނަށް އެއްވެސް ސަރުކާރުގެ އިމާރާތެއް ނުވަތަ ބިމެއް ރަހުނު ކޮށްފައި ދަރަންޏެއް ނަގާފައި ނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

"ކުރިޔަށްއޮތް ތަނުގައިވެސް ދައުލަތުގެ މުދަލެއް ރަހުނުކޮށްގެން ދަރަންޏެއް ނެގުމަށް މިނިސްޓަރު އަމީރު ވިސްނުންފުޅެއް ނުގެންގުޅުއްވަ އެވެ." ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓަރު އަމީރުގެ ދަތުރުފުޅާ ބެހޭ ގޮތުން އެ މިނިސްޓްރީން ބުނީ މިއީ ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، ބޭންކުތަކާއި، އިންވެސްޓަރުންނަށް ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުގެ މައިގަނޑު ބޭނުމަކީ މެދު އިރުމަތީގެ އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކުގެ ވާހަކަ ކިޔައިދިނުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ދަރަނި ނަގަމުންދާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި މީގެ އިތުރުން ކުރީގެ ސަރުކާރުން ތަރައްގީކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ނިންމައިގެން ސަރުކާރުން ވަނީ ސްކޫލް ވިއްކާފަ އެވެ.