ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ ދާދިފަހުން ގަތް އެމެރިކާގެ ކާލައިލް ގްރޫޕް އިންކޯޕަރޭޓެޑުން އަންނަނީ ކުންފުންޏަށް އިތުރަށް އިންވެސްޓްކުރަމުން ކަމަށާއި ޓީއެމްއޭ އިތުރަށް ވަރުގަދަކޮށް، މިއަހަރުގެ ތެރޭގައި ޑޮމެސްޓިކް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

"ހުރިހާ"އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ ކުންފުނި ރީސްޓްރަކްޗާ ކުންފުނީގެ ދަރަނިތައް ވެސް އާ އިންވެސްޓަރު ހަވާލުވެ، ހަލާސްކޮށްފައިވާ ކަމަށެވެ. އަދި ކުންފުނި އިތުރަށް ވަރުގަދަކުރަން އިންވެސްޓްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ މަހުގެ ތެރޭގައި ކުންފުނި ރީސްޓްރަކްޗާކޮށް ނިންމައިފި. އަޅުގަނޑުމެން މިތިބީ އާ ހިއްސާދާރާއެކު ކުންފުނި އާ ހަރުފަތަކަށް ގެންދަން ތައްޔާރުވެގެން،" ވަރަށް މަދުން ނޫނީ އިންޓަވިއު ނުދެއްވާ ސީއީއޯ ފައުޒީ ވިދާޅުވި އެވެ. "އެ މަސައްކަތް މިހާރު ވެސް ކުރަމުން މިގެންދަނީ. އެ ގޮތުން އާ ސީޕްލޭނާއި އޭޓީއާރު ހޯދުމުގެ މަސައްކަތް ވެސް އެބަކުރެވޭ."

ސީއީއޯ ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު ދެ ސީ ޕްލޭނާއި ޑޮމެސްޓިކް ދަތުރުތައް އޭޓީއާރު 72 މީހުންގެ ޖާގައިގެ ދެ ބޯޓު ގެންނާނެ ކަމަށެވެ. ސީޕްލޭންގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ ސެޕްޓެމްބަރު މަހު 15ގައި ރާއްޖެ ގެންނައިރު ދެވަނަ ބޯޓު އޮކްޓޯބަރު 15ގައި ގެންނަން ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނީގެ ސީއީއޯ ފައުޒީ ވިދާޅުވީ ޑޮމެސްޓިކް ދަތުރުތައް ފަށަން ގެންނަ އޭޓީއާރު މަތިންދާބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޑޮމެސްޓިކް ދަތުރުތަކުގެ ހަބަކަށް ވާނީ ޅ. މަޑިވަރު އެއާޕޯޓު. އެއާޕޯޓު ނިމުމުގެ ކުރިން ދެ އޭޓީއާރު މަރުކާގެ ބޯޓު ރާއްޖެ ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭގެ ސީޕްލޭންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި. ފޮޓޯ: ކާލާ ކްރިޕްސް | ސީއެންއެން

ފައުޒީ ވިދާޅުވީ ޑޮމެސްޓިކް ދަތުރުތައް މުޅި ރާއްޖެއަށް ފަށަން ޕްލޭންކޮށްފައިވާ ކަމަށެވެ. އަދި ޑޮމެސްޓިކް ދަތުރުތައް ފަށަނީ ވަކި ބަޔަކާ ވާދަކުރަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ވިސްނުމެއް ނޫން އެއްވެސް ބަޔަކާ ވާދަކުރުމަކީ. އަޅުގަނޑުމެން ބޭނުން ވަނީ ވައިގެ ދަތުރުތަކަށް ސަޕޯޓް ދޭން،
ސީއީއޯ ފައުޒީ

"އަޅުގަނޑުމެންގެ ވިސްނުމެއް ނޫން އެއްވެސް ބަޔަކާ ވާދަކުރުމަކީ. އަޅުގަނޑުމެން ބޭނުން ވަނީ ވައިގެ ދަތުރުތަކަށް ސަޕޯޓް ދޭން،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގެ މާކެޓަކީ ވަރަށް ކުޑަ މާކެޓެއް ކަމަށާއި އެ މާކެޓަށް ވަންނަން ޖެހޭނީ މަޑުމަޑުން ކަމަށެވެ. އަދި ކުއްލިއަކަށް ވަދެ މާބޮޑަށް ފުޅާކޮށްފި ނަމަ އެއްވެސް އެއާލައިނަކަށް ފައިދާއެއް ނުލިބޭނެ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ވަކި ބަޔަކާ ވާދަކޮށް މާކެޓް ހޯދާކަށް. އެގޮތަށް ދިމާކޮށްފި ނަމަ އެއްވެސް ބަޔަކަށް އެއިން ފައިދާ ނުލިބި ގެއްލުމުގައި ހިދުމަތް ދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް މީގެ 30 އަހަރު ކުރިން ފެށި ކުންފުނިން 80 އަށް ވުރެ ގިނަ ރިސޯޓަށް މިހާރު ދުވާލަކު 150 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ. އެ ކުންފުނީގެ އޮޕަރޭޝަންގައި މިހާރު ވެސް 56 ބޯޓު ބޭނުންކުރެ އެވެ.