މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސާފު ފައިދާ 98 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ މި އަހަރު ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެޗްޑީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 336.4 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނުއިރު މިދިޔަ ކުއާޓަރުގައި ލިބިފައި ވަނީ އެންމެ 7.5 މިލިއަން ރުފިޔާ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެޗްޑީސީއަށް ހަމައެކަނި އާމްދަނީ ލިބިފައި ވަނީ ބިމު ކުލިން ކަމަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 101 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 566 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނީ ވިއްކައިގެން ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗްޑީސީއަށް ބިމު ކުލިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ އިތުރު ކަމަށެވެ.