މިދިޔަ މަހު މީރާއަށް 624.07 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 6.2 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. ނަމަވެސް، މިދިޔަ ޖުލައި މަހު ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 13.6 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖުލައި މަހު ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، އީދު ބަންދު ދުވަސްތަކުގެ ސަބަބުން، ޖުލައި މަހުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އޮގަސްޓު މަހަށް ފަސްކޮށްފައިވުން ކަމަށެވެ. އަދި، މިދިޔަ އަހަރުގެ ޖުލައި މަހު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ ޖުލައި މަހު ގައި އިންކަމް ޓެކްސް، ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޖުލައި މަހުގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ ޖުލައި މަހު ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެ އެވެ. މި ފީ މިއަހަރުގެ ޖުލައި މަހު ގައި ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 46.7 ޕަސެންޓް ނުވަތަ 291.59 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 17.9 ޕަސެންޓް ނުވަތަ 111.90 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ (17.6 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ (4.5 ޕަސެންޓް)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ (4.2 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 56.82 މިލިއަން ރުފިޔާ (9.1 ޕަސެންޓް) ހިމެނެ އެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.10 މިލިއަން ޑޮލަރު ހިމެނެ އެވެ.