ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ ތިންވަނަ ޕްރޮގްރާމް ހދ. ކުޅުދުއްފުއްޓަށް އަމާޒުކޮށްގެން ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށް ކަމަށެވެ.

މި ޕްރޮގުރާމްގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރުން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ހުންނާކަށް ނުޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި މިޕްރޮގުރާމަކީ އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ދެ މަސް ދުވަހަށް ކުރިއަށް ގެންދާ އިންލައިން ޕްރޮގުރާމެކެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށް ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިން ސިލްސިލާއެކެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ ފުވައްމުލަކުގަ އެވެ. އަދި މިޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން މި އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސިލްސިލާގެ ދެ ވަނަ ޕްރޮގްރާމް ގދ. ތިނަދޫގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކުޅުދުއްފުށިން މި ޕްރޮގްރާމްގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން https://bit.ly/girlstocodemv2021 މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅަން ޖެހެ އެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 15 ދުވަހެވެ.