ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ރަށްރަށަށް ދެވޭ އުސޫލެއް އެޗްޕީއޭ އިން މިއަދު އާއްމުކޮށްފި އެވެ.

އެޗްޕީއޭއިން ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އެޗްޕީއޭ އިން ކުރިން ނިންމާފައި ވަނީ ގެސްޓުހައުސްތަކަށް ޗެކިން ކުރެވޭނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް މިހާރު ޗެކް-އިން ކުރެވޭނީ އެރަށުގައި ދިރިއުޅޭ މުޅި އާބާދީގެ 60 ޕަސެންޓަށް ވެކްސިން ޑޯޒްތައް ފުރިހަމަވުމުންކަމަށެވެ.

އަދި އެ ރަށެއްގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައި ވާން ޖެހޭނެ ކަމަށާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޑޯޒްތައް ފުރިކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިންގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ހަމަ ވުމުންކަމަށެވެ. އަދި މަތީގައިވާ ގޮތަށް ވެކްސިން ކަވަރޭޖް ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިން ދަތުރުކުރާނަމަ ޗެކް-އިން ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓް އޮންނަންވާނެ ކަމަށެވެ.

އާބާދީގެ 60 ޕަސެންޓް ވެކްސިން ފުރިހަމަ ނުކުރާ ސަރަހައްދުތަކުގެ ތެރޭގައި މާލެ ހިމެނެ އެވެ. ވެކްސިނޭޝަން ކަވަރޭޖް ފުރިހަމަ ނުވުމާއެކު ގްރޭޓާ މާލޭ ސަރަހައްދުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ފަތުރުވެރިންނަށް އެކަންޏެވެ.