ދިވެހިރާއްޖެއިން ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓާސް (އެމްއޭއޭސީ)ގައި ސޮއިކޮށްފި އެވެ. މި އެގްރިމަންޓްގައި ސޮއިކުރައްވާފައިވަނީ ކިންގްޑަމް އޮފް ބެލްޖިއަމަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕެރިސްގައި ހުންނަ އޯއީސީޑީގެ ހެޑްކުއާޓަރުގަ އެވެ.

އެމްއޭއޭސީގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅައި، މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާއި އުސޫލުތަކަކަށް ޓެކުހާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށްޓަކައި އިތުރު ދެ މުއާހަދާއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލު، މިއަދު ސޮއިކުރައްވާފައިވެ އެވެ. މި މުއާހަދާތަކަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމްސީއޭއޭ - ސީއާރުއެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމްސީއޭއޭ - ސީބީސީ" އެވެ.

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ޓެކްސް އިންފޮމޭޝަން ސްޓޭންޑާޑްތައް ގާއިމުކުރުމަށްޓަކައި ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރަންސީ އެންޑް އެކްސްޗޭންޖެ އޮފް އިންފޮމޭޝަން އޮން ޓެކްސް މެޓަރސް (ގްލޯބަލް ފޯރަމް) ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ ވަނީ ފެބުރުވަރީ 2016 ގައެވެ. 2016 ވަނަ އަހަރުން ފެށިގެން މި ސްޓޭންޑާޑްތައް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގްލޯބަލް ފޯރަމްގެ އެހީތެރިކަމާއެކީ މީރާއިން ދަނީ ކުރަމުންނެވެ. ގްލޯބަލް ފޯރަމްއަކީ އެ ފޯރަމްގެ ބައިވެރިންގެ މެދުގައި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މައުލޫމާތު ބަދަލުކޮށް، ޓެކްސް ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް މަސައްކަތްކުރުމަށް އެކުލަވައިފައިވާ ފޯރަމްއެކެވެ. މި ފޯރަމްގައި 160 އަށްވުރެ ގިނަ ޤައުމާއި ފައިނޭންޝަލް ސެންޓަރުތަކުން ބައިވެރިވެފައިވެ އެވެ.

ޓެކުހާ ގުޅޭ އެއްބަސްވުންތަކުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލު، ސޮއި ކުރައްވަނީ

ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި މި މުހާދާގައި ސޮއިކުރުމުން، މި މުއާހަދާގައި ބައިވެރިވާ އެހެން ގައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް، ގާނޫނީ އިމުގެ ތެރެއިން މީރާއަށް މައުލޫމާތު ބަދަލުކުރެވޭނެ އެވެ. މީގެ އިތުރުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މީގެތެރޭގައި އެކްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީއޯއައިއާރު)، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭއީއޯއައި) އަދި ސްޕޮންޓޭނިއަސް އެކްސްޖޭންޗް އޮފް އިންފޮމޭޝަން ހިމެނެ އެވެ. މީގެ އިތުރުން، ސާވިސް އޮފް ޑޮކިއުމަންޓްސްގައި އެހީތެރިވުމާއި ޓެކްސް އެގްޒަމިނޭޝަންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ ކަމަށް ވެސް މީރާއިން ބުންޏެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅުއެޅުމަށް އެހީތެރިކަން ލިބޭނެ އެވެ.

އެމްއޭއޭސީއިން ބާރުދޭ އެއް ސްޓެންޑާޑް ކަމުގައިވާ ކޮމަން ރިޕޯޓިން ސްޓޭންޑާޑް (ސީއާރުއެސް)ގެ ދަށުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑަންޓެއް ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން ފައިނޭންޝަލް އެކައުންޓްތަކުގެ ތަފްސީލް މީރާއަށް ލިބޭނެ އެވެ. މީގެ ތެރޭގައި ފަރުދުންގެ އެންމެހައި އެކައުންޓްތަކުގެ ތަފްސީލާއި، ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250,000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނެ އެވެ.

"ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ފަރާތަކަށް ރާއްޖެއިން ލިބޭ އާމްދަނީއާއި ރާއްޖެއިން ބޭރުން ލިބޭ އާމްދަނީ ވެސް ހިމަނައިގެން އެ ފަރާތަށް ލިބޭ ޖުމްލަ އާމްދަނީން ކަމުން، މިފަދަ މައުލޫމާތު 143 އެހެން ގައުމަކުން ލިބުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރުން ހުއްޓުވުމަށާއި، އާމްދަނީ ލިބޭ މިންވަރަށްވުރެ ދަށުން ރިޕޯޓްކުރާ ފަރާތްތައް ދެނެގަތުމަށް މީރާއިން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

މީރާއިން ބުނިގޮތުގައި މީގެ އިތުރުން، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގެ ދަށުން، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއުގެ ގޮތުގައި 750 މިލިއަން ޔޫރޯއަށްވުރެ އިތުރަށް ލިބިފައިވާ މަލްޓިނެޝަނަލް އެންޓަޕްރައިޒް (އެމްއެންއީ) ގްރޫޕްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ކޮންސްޓިޓުއަންޓް އެންޓިޓީތައް ގާއިމްކޮށްފައިވާ އެމްއެންއީ ގްރޫޕްތަކުގެ މާލީ މައުލޫމާތު ވެސް އެ އިދާރާއަށް ލިބޭނެ އެވެ.

"ރާއްޖެއަށް ބޭރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދޭ ފަދައިން ދިވެހިރާއްޖެއިން ވެސް މުއާހަދާގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް މި މައުލޫމާތުތައް ފޯރުކޮށްދޭނެ. ބޭރުގެ އިދާރާތަކާ ހިއްސާކުރާ ފައިނޭންޝަލް އެކައުންޓްގެ މައުލޫމާތުތައް މީރާއާއި ހިއްސާކުރާނީ ކޮމަން ރިޕޯޓިންގ ސްޓޭންޑާޑްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކެއް. އަދި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިން ގަވާއިދުގެ ދަށުން މީރާއަށް ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން ވެސް ސީބީސީ ރިޕޯޓިންއަށް ބޭނުންވާ މައުލޫމާތު ހުށަހަޅަން ޖެހޭނެ. ކޮމަން ރިޕޯޓިންގ ސްޓޭންޑާޑްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް ފުރަތަމަ ފަހަރަށް މައުލޫމާތު ހުށަހަޅަންޖެހޭ ސުންގަޑިއަކީ މިއަންނަ އަހަރުގެ 31 ޖުލައި ގައި،" މީރާއިން ބުންޏެވެ.

މީގެ އިތުރުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިން ގެ ދަށުން ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށް ނިސްބަސްވާ ރިޕޯޓް ހުށަހަޅަން ޖެހޭނީ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 މަސްދުވަސް ހަމަވުމުގެ ކުރިންނެވެ.

އިންފޮމޭޝަން ސްޓޭންޑާޑްތައް ގާއިމުކުރަން ޓެކުހާގުޅޭ ގާނުނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މީރާއިން މިނިސްޓްރީ އޮފް ފިނޭންސްގެ ޓެކްސް ޕޮލިސީ ޔުނިޓާއެކު ގިނަ މަސައްކަތްކޮށްފައިވެ އެވެ. ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން ތައްޔާރުކުރަންޖެހޭ ގަވާއިވުތަކާއި ޕޮލިސީތައް މިހާރު ތައްޔާރުކުރެވިފައިވާއިރު، މި ސްޓެންޑާޑްތައް ތަންފީޒުކުރުމަށް ބޭނުންވާ އިތުރު މައުލޫމާތާއި ގައިޑްތައް މީރާގެ ވެބްސައިޓް އަދި އެކި މީޑިއާތަކުގައި ޝާޢިއުކުރެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން ވެސް، ސީއާރުއެސް އަދި ސީބީސީއާރު ތަންފީޒުކުރުމަށް މީރާއާ އެކީ މަސައްކަތްކުރާ ސަރުކާރުގެ އެކި އިދާރާތަކަށާއި މި ސްޓްންޑާޑްގެ ދަށުން މައުލޫމާތު ރިޕޯޓްކުރަންޖެހޭ މާލީ އިދާރާތަކަށް ގްލޯބަލް ފޯރަމްއާ ގުޅިގެން ބައްދަލުވުންތަކާއި ވޯކްޝޮޕްތައް ބާއްވާފައިވެ އެވެ. މި ވޯރކްޝޮޕްތަކުގައި މި ސްޓޭންޑާޑް ތަންފީޒުކުރުމުގައި ބައިވެރިވާ އެންމެހާ އިދާރާތަކުގެ މައްސޫލިއްޔަތުތަކާއި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މި ސްޓޭންޑާޑްގެ ދަށުން މާލީ އިދާރާތަކުން މީރާއަށް މައުލޫމާތު ހުށަހަޅާ ސިސްޓަމާ ގުޅޭ އިތުރު ތަމްރީނުތައް ދިނުމަށް މީރާއިން އަންނަނީ ތައްޔާރުވަމުން ކަމަށް ވެސް އިދާރާއިން ބުންޏެވެ.

މި ސްޓޭންޑާޑް ކާމިޔާބުކަމާއެކީ ތަންފީޒުކުރުމަށް، ސީއާރުއެސްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކާއި އެމްއެންއީ ގްރޫޕްތަކުގެ ކޮންސްޓިޓުއަންޓް އެންޓިޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް މީރާއިން ބުންޏެވެ.

"މި މަޢުލޫމާތުތަށް ހުށަހެޅުމަކީ ޤާނުނުން ލާޒިމުކުރާ ކަމަށްވާތީ، މައުލޫމާތު ހުށަނާޅާ ފަރާތްތަކާ މެދު ޓެކުހާ ގުޅޭ އިދާރީ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ،" މީރާއިން ބުންޏެވެ.

އެ އިދާރާއިން ބުނިގޮތުގައި ބައިނަލްއަގުވާމީ ޓެކުހުގެ މައިދާނުގައި ކުރިއަރާފައިވާ ގައުމުތަކާ ދިވެހިރާއްޖެއިން ފައިހަމަކޮށް، ޓެކުހަށް މަކަރު ހަދައި ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފެށި މި ދަތުރުގައި މިއަދަކީ މީރާއަށާއި ދިވެހިރާއްޖޭގެ ޓެކްސް ނިޒާމަށް ބޮޑު ކާމިޔާބީއެއް ލިބުނު ދުވަހެކެވެ.

"މިރާއިން އުންމީދުކުރަނީ މާލީ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާއެކު ކާމިޔާބުކަމާއެކީ މި ސްޓޭންޑަރޑްތައް ތަންފީޒުކުރުމަށް،" މީރާއިން ބުންޏެވެ.