ދިރާގުން "ސަޅި ޕްރީޕެއިޑް" ގެ ނަމުގައި މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތަޢާރަފް ކޮށްފި އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންނަށް ގިނަ ފައިދާ އާ އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ހާއްސަ ޕްރީޕެއިޑް ޕްލޭންތަކުން އެއް ފަހަރު އެކްޓިވޭޓްކޮށްގެން އެއް ހަފުތާ، ދެ ހަފުތާ ނުވަތަ އެއް މަސްދުވަހަށް ކޮންމެ ދުވަހަކު އެއް ޖީބީ ޑޭޓާ އާވެގެން ދާނެ ކަމަށެވެ.

ހަމަ އެންމެ، 145 ރުފިޔާއިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު، މީގެ ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެއް ކަމަށް ދިރާގުން ބުންޏެވެ.

ސަޅި ޕްރީޕެއިޑް ތައާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާ އެއްވެސް ތައާރަފުކޮށްފަ އެވެ.

އެގޮތުން ދިރާގުން ބުނީ ސަޅި ވިކްލީ އަދި ސަޅި ދެ ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އެއް ޖީބީގެ ބަދަލުގައި 2 ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ތައާރަފުކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖަރު ކޮންސިއުމާ ޕްރީޕެއިޑް އައިޝަތް އިޝާނާ ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުންކުރާ މިންވަރު ބަލައި ކަސްޓަމަރުން ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރަށް ފުރިހަމަކުރުމާއެކު ފޯރުކޮށްދިނުން ކަމަށެވެ.

"އެގޮތުން ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތައާރަފުކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ. ހަމަ މިއާއެކު، ދިރާގު ސަޅި ޕްރީޕެއިޑް އަކީ މުޅި މަހަށް ބަހާލަންޏާ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް" އިޝާނާ ވިދާޅުވި އެވެ.

ދިރާގުން

ދިރާގުން ބުނީ ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާ ތަނަވަސްކަން ގެނެސްދީ، އިތުބާރާ ޔަގީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.