ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާއި ރީތިކަން ޕްރޮމޯޓްކުރަން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ހާއްސަ ސީޕްލޭނަކާއެކު ކެމްޕޭނެއް ފަށައިފި އެވެ.

އަންޑަ ވޯޓާ ވޯލްޑް އޮފް މޯލްޑިވްސް ނަމުގައި ޓީއެމްއޭއިން ކުރިއަށް ގެންދާ ކެމްޕޭނުގައި ބޭނުންކުރާ ހާއްސަ ސީޕްލޭނެއް ވަނީ އިއްޔެ ދައްކާލައިފަ އެވެ. އެ ސީޕްލޭންގެ ބޭރުގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިދޭ ކުރެހުންތައް ހިމަނާފައިވެ އެވެ.

އެ ކެމްޕޭންގައި ބޭނުންކުރާ ބޯޓު ދައްކާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އޭ ޔޫއެމް ފައުޒީ ވަނީ ކޮވިޑާ ގުޅިގެން ޓޫރިޒަމަށް އައި ހީނަރުކަން އަލުން ކޮޅަށް ޖެހުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.

ފައުޒީ ވިދާޅުވީ ޓީއެމްއޭ އިން އިސްނަގައިގެން އެ ކެމްޕޭން ފެށުމުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާއި ރީތިކަން ޓޫރިސްޓުންނަށް ދައްކާލުން ކަމަށެވެ.

ޓީއެމްއޭއިން ކުރިއަށް ގެންދާ އަންޑާވޯޓާ ވޯލްޑް އޮފް މޯލްޑިވިސްގައި ބޭނުންކުރާ ސީޕްލޭން. ފޮޓޯ: ޓީއެމްއޭ

އެ ރަސްމިއްޔާތުގައި ފައުޒީ ވަނީ ޓީއެމްއޭ ކުރިއަރައިގެން ދިޔަގޮތުގެ ވާހަކަ ވެސް ކިޔައިދެއްވައިފަ އެވެ. އެންމެ ހަތަރު ފަސިންޖަރުންނާއެކު ފެށި އެއާލައިނުން މިހާރު އަހަރަކު މިލިއަނަކަށް ވުރެ ފަސިންޖަރުން އުފުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އަންނަ މަހާއި އޮކްޓޯބަރު މަހު ތެރޭގައި އެ ކުންފުންޏަށް އިތުރު ބޯޓެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ދައްކާލި ބޯޓުގެ ޑިޒައިންގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ރީތިކަން ފަތުރުވެރިންނަށް ފެނިގެންދާނެ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

އޭނާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލް ހުޅުވާނެ ދުވަހަކަށް ޓީއެމްއޭ އިން ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ ތަން ހުޅުވަން އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ޓީއެމްއޭއިން ކުރިއަށް ގެންދާ އަންޑާވޯޓާ ވޯލްޑް އޮފް މޯލްޑިވިސްގައި ކެމްޕޭނު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓީއެމްއޭގެ ސީއީއޯ ފައުޒީ ވާހަކަދައްކަވަނީ. ފޮޓޯ: ޓީއެމްއޭ

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޓީއެމްއޭއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށެވެ. އަދި ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެ ކުންފުންޏަކީ ޓީއެމްއޭއަކަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓީއެމްއޭ އިން ބުނީ ކަނޑުއަޑީގެ ރީތި ކުރެހުންތަކާއެކު އަލަށް ނެރުނު ބޯޓުގެ ބޭނުމަކީ ކަނޑުއަޑީގެ ދިރުންތަކާމެދު ދެމެހެއްޓެނިވި ގޮތެއްގައި ހޭލުންތެރިކަން އުފައްދައި ޕްރޮމޯޓްކުރުން ކަމަށެވެ. އަދި ކަނޑުއަޑީގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތްތަކުގައި އެ ކުންފުނިން ބައިވެރިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް ގްރޫޕް އިންކޯޕަރޭޓެޑް ވަނީ ގަނެފަ އެވެ.