ކޮވިޑާ ގުޅިގެން ބަންދުކުރި ރަށްރަށުގެ ގެސްޓްހައުސްތައް، ހަމަސް ދުވަހަށްފަހު މިއަދުން ފެށިގެން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދޭން ފަށައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ރަށު ފެންވަރުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކޮށް ނުވަ ރަށަކުން 16 ތަނެއް މިއަދު ހުޅުވަން އަލުން ހުއްދަ ދީފައިވާ ކަމަށެވެ. އަދި ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭޑަޑް އޮޕަރޭޓިން ޕްރޮސިޖަ (އެސްއޯޕީ)ތައް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމަށް މިހާތަނަށް ނުވަ ރަށަކުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެ ނުވަ ރަށަކީ ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.

ޓޫރިޒަމް މިނިސްޓްރީން ސިފަކުރާ ގޮތުގައި މިއަދަކީ ޓޫރިޒަމް އިންޑަސްޓްރީގައި ތާރީޚީ ދުވަހެކެވެ.

"ރަށްރަށުގައި ހުރި އެސްކަރޝަންގެ ޚިދުމަތްދޭ ތަންތަން، ޑައިވް ސެންޓަރުތައް، ލޯންޑްރީގެ ޚިދުމަތްދޭ ތަންތަން، ބަނދަރުމަތީގައި ތަރުކާރީއާއި މޭވާ ވިއްކާ ގާޑިޔާތައް އަދި ރަށުގައި މި ހުންނަ ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަކީވެސް ޓޫރިސްޓުން ރަށަށް އައިސް މުޅި ވިޔަފަރީގައި ބައިވެރިވުމުން އެ ރަށެއްގެ ލޯކަލް އިކޮނޮމީއަށް އިތުރު އާމްދަނީ ވަނުމަށް ހުޅުވޭ ވަރަސް މުހިއްމު ދޮރަކަށް ވެގެންދާނީ،" ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ މިއަދުން ފެށިގެން ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ދޭން ފަށާއިރު މިކަމާގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އަހުލުވެރިކުރުވުމަށް ރާއްޖޭގައި ގެސްޓް ހައުސްތައް ހުރި ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ގެސްޓް ހައުސް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ބައްދަލުވުންތައް ވަކިވަކިން ބާއްވާފައިވާ ކަމަށެވެ. އަދި މި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ފަތުރުވެރިންނާއި ރަށްރަށުގެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ 213 ދުވަސްފަހުން މިއަދު އަލުން ގެސްޓް ހައުސްތައް ހުޅުވަން ފަށާއިރު، ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައްޔާއި އާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އަންގަައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި 600 އަށްވުރެ ގިނަ ގެސްޓް ހައުސް އެބަހުއްޓެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 ޕަސެންޓެވެ. މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ 10 ޕަސެންޓު ޓޫރިސްޓުން ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި ރާއްޖޭގެ 6،000 އަށްވުރެ ގިނަ ވަޒީފާ ގެސްޓްހައުސް ސިނާއަތާ ގުޅިފައިވެ އެވެ.

މާދަމާ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓްހައުސްތައް ހުޅުވަން ތައްޔާރުވެފައިވާއިރު، އެންމެ ގިނަ ގެސްޓްހައުސް ހިންގާ މާފުށްޓަށް މިއަދު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަޑައިގެން ހާއްސަ އިވެންޓެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.