މެދުއިރުމަތީގެ ގައުމުތަކާއި އެ ނޫން ވެސް ބައެއް ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ އިންޑިއާ މީހުން ކަރަންޓީނަށް ރާއްޖެ އައިސް ގެސްޓްހައުސްތަކުގެ އިތުރުން މީހުން ދިރިއުޅޭ ގެތައް ވެސް ފުރާލައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އިތުރުވެފައި ވަނީ މެދު އިތުރުމަތީ ގައުމުތަކަށް އިންޑިއާއިން ދަތުރުކުރާ މީހުން ކަރަންޓީނުގެ މަންޒިލެއްގެ ގޮތުގައި މަޑުކުރަން ފެށުމުންނެވެ. އެގޮތުން ރާއްޖޭގެ ގިނަ ގެސްޓް ހައުސްތައް ވެސް އިންޑިއާ މީހުންނާއެކު ވަނީ ފުރިފަ އެވެ. އަދި އެ މީހުން ބައިތިއްބަން މާލެ އާއި ހުޅުމާލޭގައި މީހުން ދިރިއުޅޭ ގެތަކުގައި ވެސް ކަރަންޓީނަށް މަޑުކުރެ އެވެ.

މީހުން ދިރިއުޅޭ ގެތަކުގައި އެނޫންވެސް ތަންތަނުގައި ކަރަންޓީނަށް އަންނަ އިންޑިއާ މީހުން ގެތަކުގައި މަޑުނުކޮށް މުޅި ރަށުގައި އުޅޭ މައްސަލަ ބައެއް ރަށުގެ މީހުން ޖައްސަ އެވެ. ނަމަވެސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ސަމާލުކަމެއް ދޭތަނެއް ނުފެނެ އެވެ.

މީގެ އިތުރުން އުތުރާއި ދެކުނުގައި ހުރި ގެސްޓް ހައުސްތަކުގައި ވެސް އިންޑިއާގެ ގިނަ އަދަދެއްގެ އިންޑިއާ މީހުން ކަރަންޓީނަށް މަޑުކޮށްގެން އެބަ ތިއްބެ އެވެ. ރާއްޖޭގެ އެންމެ ފުޅާ ދާއިރާގައި ގެސްޓް ހައުސް ވިޔަފާރިކުރާ މާފުށީގައި ވެސް އެންމެ ގިނައީ އިންޑިއާ މީހުންނެވެ.

މާފުށީގައި ތިބޭ އިންޑިއާ ފަތުރުވެރިންގެ މެދުގައި ރޭ ހަމަނުޖެހުމެއް ހިންގާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައީ ރަޝިއާ އާއި އިންޑިއާ އިންނެވެ. ރަޝިއާއިން 149،731 ފަތުރުވެރިން ރާއްޖެ އައިއިރު، އިންޑިއާ އިން ވެސް ރާއްޖެއަށް 120،119 ފަތުރުވެރިން އައިސްފަ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެންވާ އިރަށް ރާއްޖެ އަށް 1.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒަށް ވާސިލްވާނެކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދެ އެވެ.

ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރިސޯޓުތަކުގަ އެވެ. ރިސޯޓުތަކަށް ފަހު އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކާއި ހޮޓެލްތަކުގަ އެވެ. އޭގެ ފަހުގައި ސަފާރީ ފަދަ އުޅަނދުތަކުގައި ވެސް ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އާދެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ އިން އޮޕަރޭޓްކުރަނީ އިންޑިއާގެ އެއާލައިންތަކެވެ. އެގޮތުން އެއާ އިންޑިއާ، އިންޑިގޯ، ގޯ އެއާ، ސްޕައިސް ޖެޓް ފަދަ ފްލައިޓުތައް ކޮންމެ ދުވަހަކު ހެން ރާއްޖެ އަށް ދަތުރު ކުރެ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ފާހަގަ ކުރާ ގޮތުގައި، ހަފްތާއެއްގެ މައްޗަށް އިންޑިއާގެ ފްލައިޓުތަކުން 58 ޝެޑިއުލް ދަތުރުތައް ރާއްޖެ އަށް ކުރެ އެވެ.