ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ދަރަނިވެރިވާން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ހިސާބުން ކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ކެޕްޓަން އަމީން މިހެން ވިދާޅުވީ މޯލްޑިވިއަންއަކީ ކުރިންސުރެ ވެސް ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ކަމަށް ރައީސް ސޯލިހު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

އަމީންގެ ޓުވީޓްގައި އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ކުރިން މޯލްޑިވިއަންއަށް ފައިދާވަމުން ދިޔަ ކަމަށެވެ. މިކަން އޮޑިޓް ރިޕޯޓްތަކުންނާއި ރައީސް ސޯލިހު ކުރިން ހެއްދެވި ޓްރާންސިޝަން ކޮމެޓީއަށް ވެސް މީގެ ކުރިން އެ ކުންފުންޏަށްވީ ފައިދާ އެނގޭނެ ކަމަށް ވެސް ކެޕްޓަން އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ކުންފުނި ދަރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ ރައީސް ސޯލިހުގެ ވެރިކަމާއެކު ތަޖުރިބާއެއް އިލްމެއް ނެތް އާއިލީ މީހުންނާ ހަވާލުކުރުމުން ކަމަށެވެ.

"ގައުމީ އެއާލައިން ވަނީ 2018 އާއި ހަމައަށް ކުރިއަރާ ފައިދާވެފައި. އޮޑިޓް ރިޕޯޓްތަކުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓްރާސިޝަން ކޮމިޓީ ރިޕޯޓްއިން އެކަން ސާފުވާނެ. ކުންފުނި ދަރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ ރައީސް ސޯލިހުގެ ވެރިކަމާއެކު ތަޖުރިބާއެއް އިލްމެއް ނެތް އާއިލީ މީހުންނާ ހަވާލު ކުރުމުން،" ކެޕްޓަން އަމީން ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޖޮއިންޓް ވެންޗާ އުސޫލުން ބޭރުގެ ބަޔަކާ ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާކަން ހާމަކުރައްވާފަ އެވެ.

"ގައުމީ އެއާލައިން ރަނގަޅުކުރުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން. ޖޮއިންޓްވެންޗާއެއް ހެދުމާއި ބެހޭ ގޮތުން. ކޮންމެއަކަސް ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.