މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމައި، ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ސަރުކާރުން އިއުލާން ކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މި އަހަރުގެ ދަނޑުވެރިންގެ ދުވަސްކަމަށްވެފައި، އަދި މާދަމާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކާބޯތަކެތީގެ ދުވަސްކަމަށްވާއިރު, މި ދެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ބޭފުޅުންނަށް، ވަރަށް އިޚުލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮ އެދުންތައް ފޮނުއްވި އެވެ.

ރައީސް ސޯލިހު ވަނީ ގައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ އެ ގައުމަކީ ކާބޯތަކެތީގެ ޔަގީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ވެގެންކަމުގައި ވިދާޅުވެ، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ގައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައި ވެސް، މި ޔަގީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.

މި ގޮތުން، ސަރުކާރުގެ ވައުދާ އެއްގޮތަށް ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން މީގެ ކުރިން ނަގަމުން އައި އިމްޕޯޓްޑިޔުޓީ މިހާރު ވާނީ ކަނޑާލާފައި ކަމަށާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް، ދަނޑުވެރިކަމަށް ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕުރޮގުރާމުތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މައުލޫމާތު ފެތުރުމުގެ މަސައްކަތް ވެސް އިތުރަށް ފުޅާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި ރަނގަޅު އަގުގައި ތާޒާކަމާއެކު ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށާއި މި ދަތިކަން ޙައްލުކޮށްދިނުމަށް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭ މަޝްރޫއުތަކަށް ބޭރުގެ އެހީދޭ ޖަމިއްޔާ އަދި ޖަމާއަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތް ވެސް، ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަނީ އެ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހާމަކުރައްވާފަ އެވެ. މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަގީންކަން،" މި ޝިއާރެވެ.