ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ ނުވަ ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިއަދު އާއްމުކުރި މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައި 10.8 ބިލިއަން ރުފިޔާ އެވެ. އަދި ޚަރަދުގެ ގޮތުގައި 19.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 18.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސްގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ނޫން ގޮތް ގޮތުން ލިބިފައި ވަނީ ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 592.1 މިލިއަން ރުފިޔާ އެވެ.

ފިނޭންސް އިން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 19.8 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައި ވަނީ 20.1 ބިލިއަން ރުފިޔާ އެވެ.