ކޮވިޑާ ގުޅިގެން ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ގެސްޓްހައުސްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު، އަލުން މިއަދު ހުޅުވަން ފެށުމާއެކު ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ދުނިޔެއަށް ހުޅުވާލެވުނީ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗް 27ގައި ބަންދުކުރުމަށްފަހު ޖުލައި 15ގައި ހުޅުވިތާ މިއަދު މިއީ ތިން މަސް ފުރުނު ދުވަހެވެ. ތިން މަސް ފުރުނު ދުވަހު ރިސޯޓުތަކުގެ އިތުރުން މިއަދާ ހަމަޔަށް ގެސްޓް ހައުސްތަކުގެ 20 ޕަސެންޓް އަލުން ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވެ އެވެ.

ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވަން ފެށުމާ ގުޅިގެން "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔެއަށް މިއަދު ފޮނުވާލެވުނު އެންމެ މުހިންމު މެސެޖަކީ މިހާރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ހުޅުވާލެވުން ކަމަށެވެ.

"ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިތާ ތިން މަސް މިއަދު ފުރުނުއިރު ކުރެވުނު ތަޖުރިބާއަކީ މި ކްރައިސިސް ތެރޭގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން މިކަން ކުރިޔަށް ގެންދެވޭނެކަން. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރަން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރުވުން: ހެޔޮ ބަދަލެއް

މިނިސްޓަރު ވިދާޅުވީ ބޯޑަރު އަލުން ހުޅުވިފަހުން އަންނަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ދެގުނައަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

މިހާރު އަންނަ ޓޫރިސްޓުން އެވްރެޖްކޮށް 14 ދުވަސް ރާއްޖޭގައި ހޭދަކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ. އެހެންވެ ބައެއް ރިސޯޓުތަކުން މިހާރު ލޯންގް ސްޓޭ ޕެކޭޖްތައް ވެސް ތައާރަފްކުރަން ފަށައިފި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"ކުރިން އެވްރެޖްކޮށް ޓޫރިސްޓަކު ހޭދަކުރާނީ ހަތް ދުވަސް. ނަމަވެސް މިހާރު އެ އަދަދު އުޅެނީ ދެގުނައަށް ވުރެ މަތީގައި،"
މިނިސްޓަރު މައުސޫމް

މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުރަސްކުރުމުގައި ހުރި ތަކުލީފުތަކާ ހެދި ޓޫރިސްޓުން ބޭނުން ވަނީ ވީހާ ވެސް ގިނަ ދުވަހު މަޑުކުރަން ކަމަށެވެ. އެގޮތުން މިހާރު ރާއްޖެ އަންނަ ބައެއް ޓޫރިސްޓުން 20 ދުވަހު ވެސް ރާއްޖޭގައި މަޑުކޮށްފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ކުރިން އެވްރެޖްކޮށް ޓޫރިސްޓަކު ހޭދަކުރާނީ ހަތް ދުވަސް. ނަމަވެސް މިހާރު އެ އަދަދު އުޅެނީ ދެގުނައަށް ވުރެ މަތީގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވުމަކީ އިންޑަސްޓްރީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރި 100،000 ޓޫރިސްޓުންނާއެކު 1.4 މިލިއަން ބެޑް ނައިޓް ލިބޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ކުރިން ނަމަ އެއްލައްކަ ޓޫރިސްޓުން އައިމަ ލިބޭނީ ހަތްލައްކަ ބެޑް ނައިޓް. އެކަމަކު އެ އަދަދު ދެގުނައަށް ވުރެ އިތުރުވުމުން އިންޑަސްޓްރީއަށް ލިބޭ ފައިދާ ވެސް ބޮޑުވާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އަންނަ އަހަރަކީ އުއްމީދީ އަހަރެއް

މިނިސްޓަރު ވިދާޅުވީ ޓޫރިސްޓުން އައުން އިތުރުކުރަން ވިސާ ދިނުމުގައި ލުއިތަކެއް ދިނުމާ ބެހޭ ގޮތުން އިމިގްރޭޝަނާއެކު މަޝްވަރާތަކެއް ކުރަމުން ގެންދަވާ ކަމަށެވެ. އަދި އެކަންތައް ނިމުމުން ތަފުސީލް އާއްމުކުރައްވާނެ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރީ މިމަހުގެ ކޮންމެ ވެސް އެއް ދުވަހަކު ނަމްބަރު އެއްހާހަށް ޖެއްސޭނެ ކަމަށް. އިރާދަކުރެއްވިއްޔާ އެކަން ހާސިލްވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ އެއާލައިންތައް މަޑުމަޑުން އިތުރުވާން ފެށުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މަޑުމަޑުން އިތުރުވާން ފަށާފައިވާ ކަމަށެވެ.

"މިހާރު ރާއްޖެއަށް ދިހަ އެއާލައިން އެބަ އޮޕަރޭޓްކުރޭ. އަންނަ އާދިއްތަ ދުވަހު ބްރިޓިޝް އެއާވޭސް ރާއްޖެ އަންނަން ފުރާނެ. މިއާއެކު ޓޫރިސްޓުންގެ މެދުގައި ރާއްޖެއާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ޔޫރަޕްގެ އެންމެ ބޮޑު އެއް މާކެޓް ކަމަށްވާ ޖަރުމަނުގެ ލުފްތާންސާ ވެސް މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެ ކަމަށެވެ.

"މިފަދަ ބޮޑެތި ގައުމުތަކުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމުން ވަރަށް ބޮޑަށް އުއްމީދު އާވެގެންދޭ. އަދި އަޅުގަނޑުމެން މި އުއްމީދުކުރަނީ ޑިސެމްބަރު މަހުގެ ތެރޭގައި ސިންގަޕޫރުން ވެސް ދަތުރުތައް ފެށުން،" ސިންގަޕޫރުގައި ކުރިން ހުންނެވި ރާއްޖޭގެ ސަފީރު ވިދާޅުވި އެވެ.

ކުރިޔަށް ދާނީ އެންމެން އަތުގުޅާލައިގެން

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ހެދި ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު އޮތީ ބަންދުކޮށްފައި ކަމަށެވެ. އެހެން ކަމުން އެކަމާ މެދު ވަރަށް ބޮޑަސް ވިސްނަން ޖެހޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެޗްޕީއޭއާގެ ގައިޑްލައިނާ އެއްގޮތަށް އަޅުގަނޑުމެން އެންމެން ވެސް ކުރިޔަށްދާންވީ. ރައީސް ސޯލިހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލަން ނިންމެވީ އިގްތިސާދީ އެހެން ހަރަކާތެއް ރާއްޖޭގައި ނެތީމަ. އެހެންވީމަ އަޅުގަނޑުމެން ކުރިޔަށް ދާންވާނީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ މިދިޔަ ތިންމަސް ތެރޭގައި ދަސްވިކަމަކީ އެންމެން އަތުގުޅާލައިގެން ޓޫރިޒަމް އިންޑަސްޓްރީ ކުރިޔަށް ގެންދެވޭނެކަން ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔެއަށް ނަމޫނާ މަންޒިލަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަލުން ތަންތަން ހުޅުވުމަކީ ވަރަށް ބޮޑު ގުރުބާނީއެއް

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ބޯޑަރު ބަންދުކުރުމަށްފަހު ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓްހައުސްތައް އަލުން ހުޅުވުމަކީ އިންޑަސްޓްރީގެ އޯނަރުން ވަމުން އަންނަ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ.

"ރިސޯޓަކަށް ވިޔަސް ސަފާރީއަކަށް ވިޔަސް ގެސްޓްހައުސްތަކަށް ވިޔަސް އެވަނީ ވަރަށް ބޮޑު ގުރުބާނީއެއް. އަޅުގަނޑުމެން އެކަން ގަބޫލުކުރަން. މިއިން ތަންތަނުގެ ތެރެއިން މިއަހަރު ފައިދާ ލިބޭނީ ވަރަށް މަދު ތަނަކުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ގޮތުން މިއަދު ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކާއި ސަފާރީ އަދި ގެސްޓްހައުސްތަކަށް ފައިދާ ލިބެން ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.

"މަތީ ފަންތީގެ ރިސޯޓުތަކަށް މިއަހަރު ވެސް ފައިދާ ލިބެން ފަށާނެ. ނަމަވެސް މެދުފަންތީގެ ތަންތަނާއި ގެސްޓްހައުސްތަކަށް ފައިދާ ލިބެން އަދި ދުވަސްތަކެއް ނަގާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވުމަކީ އުފާވެރިކަމެއް

މިނިސްޓަރު ވިދާޅުވީ 213 ދުވަހަށް ފަހު ގެސްޓްހައުސްތައް އަލުން މިއަދު ހުޅުވުމަކީ އުފާވެރިކަމެއް ކަމަށެވެ. މީގެ ދިހަ އަހަރު ކުރިން ފުރަތަމަ ގެސްޓްހައުސް ހުޅުވީ ދިހަ އެނދާއެކު ނަމަވެސް މިއަދު ހުޅުވިއިރު، ގެސްޓްހައުސްތަކީ މިހާރު މުޅި އިންޑަސްޓްރީގެ 20 ޕަސެންޓާ އެއްވަރުގެ އަދަދެއް ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތައް އަލުން ހުޅުވުމަކީ ރަށްރަށުގެ ވިޔަފާރިތަކަށް ދިރުން އަންނާނެ ކަމެއް ކަމަށެވެ.

"ގެސްޓްހައުސްތައް ހުޅުވޭއިރު ރަށްރަށުގައި ހުރި ޑައިވް ސެންޓަރުތަކާއި ސުވެނިއާ ފިހާރަތައް ވެސް އަލުން ހުޅުވޭނެ. މިއީ އާއްމުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ވިޔަފާރިއެއް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ކޮންމެ ދުވަހަކު ވެސް ކޮމިއުނިޓީ ސްޕްރެޑްގެ ސިޗުއޭޝަން ސްޓަޑީކުރަމުން. މިހާރު މިފެންނަ މަންޒަރަށް ބަލާއިރު އަޅުގަނޑުމެންނަށް ކޮވިޑްގެ ނަމްބަރު ދަށްކުރެވޭނެ،"
މިނިސްޓަރު މައުސޫމް

މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތައް އަލުން ހުޅުވާލުމާއެކު ޓޫރިސްޓުންނަށް ހާއްސަ މެކޭނިޒަމެއްގެ ތެރެއިން ރިސޯޓްތަކަށް ވެސް ދަތުރުކުރެވޭނެ ކަމަށެވެ.

"ގެސްޓުންނަށް ހާއްސަ މެކޭނިޒަމެއްގެ ތެރެއިން ރިސޯޓުތަކަށް ވެސް ދަތުރުކުރެވޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތައް އަލުން ހުޅުވުނީ ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކަން މިކުރެވުނީ ކައުންސިލްތަކާއި ހެލްތު އޮފިޝަލުންނާއި ސިފައިނާއި ފުލުހުންގެ އެއްބާރުލުން ލިބިގެން. އެއީ އަޅުގަނޑުމެންގެ އެންމެ ގާތް ޕާޓްނަރުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވުނުއިރު މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ވެސް އަންނަ މަހުގެ ކުރީކޮޅު ހުޅުވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ކޮންމެ ދުވަހަކު ވެސް ކޮމިއުނިޓީ ސްޕްރެޑްގެ ސިޗުއޭޝަން ސްޓަޑީކުރަމުން. މިހާރު މިފެންނަ މަންޒަރަށް ބަލާއިރު އަޅުގަނޑުމެންނަށް ކޮވިޑްގެ ނަމްބަރު ދަށްކުރެވޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިމަގުގައި ޓޫރިޒަމް ބައްޓަންކުރާނީ ކޮވިޑްގެ ތެރޭގައި މެނޭޖްކުރެވޭ ގޮތަށް ކަމަށެވެ. އަދި އެކަންތައް ކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކުރާ ކަންތައްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ގާތުން ބައްލަވައި އިރުޝާދު ދެއްވަމުން ގެންދަވާ. މިއިން ކޮންމެ ނިންމުމެއް ނިންމުމުގައި ވެސް ރައީސްގެ ދައުރު ވަރަށް ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.