ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް އިއްޔެ މާލޭގައި ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އިތުރުން ނެއިބާ ހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެ އެވެ.

ފޭކް ބޭންކު އެކައުންޓް ސްލިޕް ބޭނުންކޮށްގެން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރިކުރާ ކަމުގެ މައްސަލަ ފެންމަތިވެފައިވެ އެވެ.

އެގޮތުން، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފިހާރަތަކުން އެ ބުނެފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިހާރަތަކުގެ ސޭޓުންނަށް ނަސޭހަތްތެރިވެފައި ވެ އެވެ.

މީގެ އިތުރުން ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި، ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކު ކުރުމުގެ އިތުރުން އެކައުންޓް ނަންބަރު އަދި ފައިސާގެ އަދަދު ކަށަވަރު ކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ފައިސާ ޓްރާންސްފަރ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފަރ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.

އޭގެ އިތުރުން، ފައިސާ ޓްރާންސްފަރ ކުރި ސައްހަ ސްލިޕް ލިބުނުކަމުގެ ޔަގީންކަން ދިނުމާއެކު ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ފިހާރަތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަ އެ ޕްރޮގްރާމްގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކުރުމަށް މައުލޫމާތު ހިމެނޭ ސްޓިކާއެއް ޒިޔާރަތް ކުރެވުނު ކޮންމެ ފިހާރައެއްގައިވެސް ވަނީ ތަތްކޮށްފަ އެވެ.