ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ދޭން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައި ކޯޓުން މިރޭ އަމުރު ނެރެފި އެވެ.

ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ދޭން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުން ފަސްކުރަން ހައި ކޯޓުން އެންގީ އެލައިޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފްކޮށް، އެފަދަ އަމުރަކަށް އެދުމުންނެވެ.

ހައި ކޯޓުން މިރޭ ނެރުނު އަމުރުގައިވަނީ އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އެ ކޯޓުން އަންގަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރު ކުރާ ކަމަށެވެ.

އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން އަންގާފައި އޮތީ ހަ މަސް ތެރޭގައި 22 މިލިއަން ޑޮލަރު ދެއްކުމަށެވެ. ހައި ކޯޓުގެ އެ އަމުރާ ގުޅިގެން އެ ހުކުމަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލާނެ އެވެ.