ރާއްޖެއަށް މުދާ އިމްޕޯޓުކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ގެ އޮންލައިން ޕޯޓަލް "މައި ބަނދަރު" މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޕީއެލްއިން މިއަދު ބުނީ މިބަދަލު ގެނެސްފައި ވަނީ އިއްޔެއިން ފެށިގެން ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފަށާނެކަން މިދިޔަ މަހު އަންގައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ބަދަލާއެކު ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެން ހުންނަ ހިދުމަތްތަކަށް، ބޭންކަށް ސީދާ ފައިސާ ޖަމާކޮށްގެން ފައިސާ ބަލައި ނުގަންނާނެ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުން، ޕޯޓަލް މެދުވެރިކޮށް ރަސީދު ވެސް ލިބޭނެ އެވެ.

އެމްޕީއެލް އިން ބުނީ ޕޯޓަލް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި އަދިވެސް އަމަލު ކުރާނީ ކުރިން އަމަލުކުރަމުން އައި ގޮތަށް ކަމަށެވެ.

އެ ކުންފުނިން މައި ބަނދަރު ޕޯޓަލް ތައާރަފުކުރީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ.

ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ބަލައިގަތުމަށް އަންގައިފަ އެވެ.