ދަރަނި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމުގެ ގޮތުން ދަރަނި ނެގުމުގެ ހުރިހާ އިދާރީ ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޓްރެޝަރީ ބިލާއި ބޮންޑް ރަށްވެހި ބާޒާރަށް ވިއްކުމުގެ އިދާރީ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މިގޮތަށް ބަދަލު ކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތަށް އެކަން ކުރުމަށް ކަމަށާއި، އެ ބަދަލު ގެނައީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ލަފާގެ މަތިން ކަމަށް ވެސް ބުންޏެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފައިސާ ޗާޕުކުރުމުގެ ބަދަލުގައި ސެކިއުރިޓީސް ބާޒާރު އިތުރަށް ކުރިއެރުވުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އާންމުކޮށް ދަރަންޏަށް ފައިސާ ހޯދުމަށް ބޭނުންކުރާ އުސޫލުތަކުގެ އިތުރަށް އައު ގޮތްތައް ވެސް ބޭނުންކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އިސްލާމީ އިންސްޓްރޫމެންޓްތައް ބޭނުންކޮށްގެން ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިބަދަލާއެކު، މިނިސްޓްރީ އާއި ދައުލަތުގެ ޓްރެޝަރީ ބިލާއި ބޮންޑު ފަދަ ތަކެތި ގަންނަ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރަށްވެހި ބާޒާރު ފުޅާކޮށް ތަރައްގީކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި މިގެނައި ބަދަލާއެކު މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީ ތަންފީޒްކުރުމުގައި މަރުކަޒީ ބޭންކަށާއި، އަދި ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ދައުލަތުގެ ޓްރެޝަރީ ބިލާއި ބޮންޑު ވިއްކުމުގެ އިދާރީ މަސައްކަތް މި މިނިސްޓްރީއަށް ބަދަލުކުރެވުނު ނަމަވެސް، މިފަދަ ކަންކަމުގައި މަރުކަޒީ ބޭންކާއި މި މިނިސްޓްރީއިން އަބަދުވެސް މަސައްކަތްކުރާނީ އެއްމިސްރާބަކަށް ދިއުމަށް، އެކީގައި. އެގޮތުން ރަށްވެހި ބާޒާރަށް ވިއްކާ މިފަދަ ދައުލަތުގެ ސެކިއުރިޓީތަކުގެ ރެގިއުލޭޓާއަކީ ކުރިއެކޭވެސް އެއްގޮތަށް މަރުކަޒީ ބޭންކު. އަދި ސަރުކާރުގެ ބޭންކާގެ ހައިސިއްޔަތުން މިސެކިއުރިޓީތަކުގެ ސެޓްލްމަންޓް ވެސް ހިންގާނީ މަރުކަޒީ ބޭންކުން،" ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މާލީ ރަށްވެހި ބާޒާރު އިތުރަށް ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކާއެކު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ރަށްވެހި ބާޒާރަށް އައު ޓްރެޝަރީ ސެކިއުރިޓީތައް ތައާރަފް ކުރުމާއި، ސެކިއުރިޓީ ވިއްކުމުގެ ކަންކަން ހަރުދަނާ ކުރުމަށް އިންފްރާސްޓަރަކްޗާ ބިނާ ކުރުމާއި ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.