ކުރިން ފުޅާ ދާއިރާއެއްގައި ހިކިމަސް އެކްސްޕޯޓްކުރަމުންދިޔަ ކ. ތުލުސްދޫގައި ހުންނަ ކަސްޓަމްސް އޮފީސް ބަންދުކޮށްފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ތުލުސްދޫގައި ކަސްޓަމުން އޮފީހެއް ހުޅުވީ، ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ފަރާތްތަކުން އޭރު ކުރަމުން ދިއުމާ ގުޅިގެން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ހިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށެވެ.

ނަމަވެސް، ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެ އޮފީހުގެ ހިދުމަތް މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން އެއްގޮތަކަށް ވެސް ހޯދާފައި ނުވާ ކަމަށް ކަސްޓަމުން ބުނެ އެވެ. އަދި ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތް ކުރި މުވައްޒަފުން ކަސްޓަމްސްގެ އެހެން ސެކްޝަންތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި ކަސްޓަމްސްގެ ރަސްމީ ބަނދަރުތައް ކަމަށްވާ މާލޭ ކޮމާޝަލް ހާބަރު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދެމުންދާ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްގީކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާ، އަދި މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން ރަސްމީ ބަނދަރުތަކުން ހިދުމަތް ހޯދުން އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

"ތުލުސްދޫ ކަސްޓަމްސް އޮފީސް ބަންދު ކުރުމަށް ނިންމާފައިވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެ ފަރާތްތަކުގެ ލަފާގެމަތިން. އަދި އިމްޕޯޓް އެކްސްޕޯޓް ކުރާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މި މުއައްސަސާއިން އަބަދުވެސް މަސައްކަތްކުރަން،" ކަސްޓަމްސްއިން ބުންޏެވެ.

މީގެ އިތުރުން އެ ރަށުގައި ގާއިމްކުރި ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި އެއްކޮށް ހުއްޓިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އަދި އެކްސްޕޯޓް ކްލިއަރަންސް މަރުހަލާގައި ހަރަކާތްތެރިވާ އެހެނިހެން ކަމާގުޅޭ ރަސްމީ އިދާރާތައް ވެސް މިހާރު ތުލުސްދޫގައި ގާއިމްވެ ހިދުމަތް ދިނުމުގެ ބަދަލުގައި ރަސްމީ ބަނދަރުތަކަށް ބަދަލުވެފައިވާކަން އެ ބަޔާނުގައި ބުނެފައިވެ އެވެ.