ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒްކުރުމަކީ ރަނގަޅު އަދި އިގްތިސާދަށް އިންގީލާބީ ބަދަލެއް ގެނެވޭނެ ސިޔާސަތެއް ކަމަށާއި އެކަން ސަރުކާރުން ކުރަނީ ދެފުން ފެންނަ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި މިސަރުކާރުން ކުންފުނިތައް ޕްރައިވަޓައިޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ސިއްރަކުން ނޫން ކަމަށެވެ. އެގޮތުން މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުއްވިއިރު ވެސް ޕްރައިވަޓައިޒްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ހާމަކުރެއްވި ކަމަށް އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ ކުންފުނިތައް ޕްރައިވަޓައިޒޭޝަން ކުރުމުން ގައުމުގެ އިސުތިޞާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ތަރައްގީގެ ދުވެލީގައި އިތުރު ހަރުފަތަކަށް ގައުމުދާނެ ކަމަށެވެ. މިއީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުން ވެސް ކޮށްފައިވާ ކަމެއް ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަމީރު ވިދާޅުވީ މިހާރު ވެސް ޕްރައިވަޓައިޒްކުރަން ވަކިވަކިން ސަރުކާރު ކުންފުނިތަކުގެ ހާލަތު ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި ރައްޔިތުންނަށް ވެސް ހުރިހާ މައުލޫމާތެއް އަރުވާނެ ކަމަށާއި، މި މަސައްކަތް ކުރާނީ މުޅި ގައުމު ބައިވެރިވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވީއިރު މޯލްޑިވިއަން އަށް ގެއްލުންވާތީ ޖޮއިން ވެއްޗާއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައި ވަނިކޮށެވެ.