ސަރުކާރު ހިންގުމަށް ދަރަންޏަށް ފައިސާ ނެގުމުގެ ގޮތުން އިސްލާމީ ސުކޫކް އިޝޫކުރުމުގެ ގޮތުން ކޭމަން އައިލެންޑްސްގައި ކުންފުންޏެއް ހަދައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހަރަދުތައް މެނޭޖުކުރަން ސުކޫކު ވިއްކުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު ވެސް ސުކޫކެއް އިޝޫކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ދައުލަތުގެ އެއްވެސް އެސެޓެއް ރަހުނު ކޮށްފައި ދައުލަތަށް ދަރަންޏެއް ނަގާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ނަމަވެސް ކުރީ ސަރުކާރުން ތަރައްގީކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓްގެ ގޮތުގައި ބެހެއްޓުމަށްފަހު ސްކޫކެއް އިޝޫކޮށްފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެލާނާގެ އާއި އޮލިމްޕަސް ހިމެނޭ ގޮތަށް އިސްލާމިކް އިންސްޓްރޫމަންޓެއް މިދިޔަ ޖޫން މަހު އިޝޫކޮށްގެން ސަރުކާރުން ވަނީ 350 މިލިއަން ޑޮލަރު ހޯދާފަ އެވެ.

ސަރުކާރު ހިންގުމަށް ދަރަންޏަށް ފައިސާ ނެގުމުގެ ގޮތުން އިސްލާމީ ސުކޫކެއް އިޝޫކުރުމުގެ ގޮތުން ބައެއް ސުކޫލުތައް ބޭނުންކުރަން ވެސް ނިންމާފައިވެ އެވެ. ދައުލަތުގެ އިމާރާތްތައް ސަރުކާރުން ބޭރުގައި ހަދާފައިވާ ކުންފުންޏަކަށް ބަދަލު ކުރަމުންދާކަމުގެ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން ކުރީގެ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މަލީހު ޖަމާލް ދައުލަތުގެ ހުރި ހުރިހާ ހަރު މުދަލެއް ދިވެހި ދައުލަތުގެ އިހުތިސާސުން ބޭރުވެ، ކޭމަން އައިލެންޑްސްގައި އޮންނަ ކުންފުންޏެއްގެ ބެލެނިވެރި ކަމަށް އެބަގެންދާ ކަމަށެވެ. ދަރަނި ނުދެއްކުނީމަ ކުންފުނި ވިއްކާލާފައި އެމްޑީޕީ ފިލުމުގެ ބިރު އެބަ އޮތް ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

"ދިވެހިން ހޭލާ އެމްޑީޕީ ބަލިކުރަންޖެހޭ،" ކުރީގެ މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ފައިސާ ހޯދަމުންދާ ގޮތަށް ފާޑުވިދާޅުވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިދާ ރޭޓުގައި ކަންކަންދާނަމަ މީހުންގެ ގެދޮރާއި ގަނބުރުސްތާނުތައް ވެސް ރަހުނުކޮށްފައި އޮއްވައި ފެނިދާނެ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް މިނޫން އެއްވެސް ގޮތެއް ނުހޯދުނުކަމީ ލަދުވެތިކަމެއް ކަމަށެވެ.

ދައުލަތުގެ ބައެއް އިމާރާތްތައް ބޭނުންކޮށްގެން އިސްލާމިކް ބޮންޑުގަތުމާ ބެހޭ ގޮތުން ނޫސްތަކުގައި ޖަހާފައިވާ ހަބަރުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ބޮންޑަށް ފައިސާ ނުދެއްކުނަސް އެތަންތަނުގެ މިލްކުވެރިކަން ބަދަލެއް ނުވާނެ ކަމަށެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ ހިސާބުތަކަށް ބަލާއިރު 1 ޖެނުއަރީން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.5 ބިލިއަން ރުފިޔާ އެވެ. އަދި އެ މުއްދަތުގައި 16.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެން ކަމުން ބަޖެޓު ދަރަނި ވަނީ 5.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ބަޖެޓު ދަރަންޏަކީ 7.2 ބިލިއަން ރުފިޔާ އެވެ.

ބަޖެޓު ދަރަނި އިތުރު ވަމުންދާއިރު ސަރުކާރުން ދަނީ ދަރަނި ފޫބައްދަން ދައުލަތުގެ ބިންތަކާއި އިމާރާތްތައް ބޭނުން ކޮށްގެން ބޭރު ގައުމުތަކުން ދަރަންޏަށް ފައިސާ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ވެސް 10 ސްކޫލެއް މިގޮތަށް ބޭނުން ކުރަން ނިންމާފައިވާއިރު ރޭގެ ވަގުތެއްގައި ފިނޭންސް މިނިސްޓަރު އަމީރު ވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ރެޖިސްޓްރީ ވެސް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އަންގާފައިވާކަން ހާމަކުރައްވާފަ އެވެ.

ބަޖެޓު ދަރަނި އިތުރުވަމުން ދާއިރު ވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން މާބޮޑު މަސައްކަތްތަކެއް ނުކުރެ އެވެ. މިގޮތުން ދާދި ފަހުން ވެސް ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު ވަނީ އައްޔަންކޮށްފަ އެވެ.